30 May 2011, 11:58
ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ހިއުމަން ރިސޯސަސް މިނިސްޓްރީން މި އަހަރު ހުޅުވާލި 50 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލި 368 ދަރިވަރުންގެ ތެރެއިން 341 ދަރިވަރަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ރޭ ލިޔުން ހަވާލުކޮށްފި އެވެ.
ގައުމީ ޔުނިވަސިޓީ އާއި ރާއްޖޭގެ ބައެއް ކޮލެޖްތަކާއި ސްކޫލްތަކުގައި މަތީތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ފައިސާ ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފައި ވަނީ ރޭ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާއަށްތަ ފަހު "ސަން" އަށް މައުލޫމާތު ދެއްވަމުން ހިއުމަން ރިސޯސަސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު އަލީ ރޭ ވިދާޅުވީ ލޯން ސްކީމަށް ކުރިމަތިލި 368 ދަރިވަރުންގެ ތެރެއިން 27 ދަރިވަރަކު ޝަރުތު ހަމަނުވާ ކަމަށެވެ. އެ ދަރިވަރުންގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖެ އިން ބޭރުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާޗް 16، 2011ގައި ސްޓޫޑެންޓް ލޯން ސްކީމަށް ފުރުސަތު ހުޅުވާލައި، މުއްދަތު ހަމަވި ފަހުން ވެސް ދަރިވަރުން ލޯނަށް އެދެމުންދިޔަ ކަމަށެވެ.
ލޯން ސްކީމަށް ޝަރުތު ހަމަވި ކޮންމެ ދަރިވަރަކަށް މަހަކު 4500ރ. ލިބޭނެ ކަމަށާއި އެ ދަރިވަރުންނަށް ކޮންމެ މަހަކަށްވާ ފައިސާ ލިބޭނީ ހަ މަހުން ހަ މަހުން ކަމަށް ހިއުމަން ރިސޯސަސް މިނިސްޓްރީން ބުންޏެވެ. އަދި މިދިޔަ އަހަރާއި މިއަހަރު މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ލޯނުގެ ގޮތުގައި ސަރުކާރުން 100 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.