19 Aug 2016, 20:46
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް މާޒިޔާ އިން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މާޒިޔާ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އިންޝާލް އެވެ. އެ ޓީމުން ކާމިޔާބުކުރި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝިނާން އެވެ.
އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔަ އެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސް އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެ އެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.
މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.
ސެމީގެ ފުރަތަމަ މެޗާއި ދެވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.