މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގައި ހދ. ހަނިމާދޫން ހއ. ކެލާ ހިފަހައްޓައިފި އެވެ.

ކެލާގެ އަމިއްލަ ދަނޑުގައި ހަނިމާދޫއާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕް ހއ. އަތޮޅު ޗެމްޕިއަން ކެލާ: ޒޯން އެކެއްގައި މިއަދު ހަނިމާދޫ އާއި ކެލާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ރަށުން ބޭރުގައި ކުޅެމުންދިޔަ ހަނިމާދޫންނެވެ. ހަނިމާދޫ އަށް ހަސަން ޝާހިދު ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެލާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސާމީ އެވެ.

މުބާރާތުގެ ޒޯން ބުރު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ޒޯން އެކެއްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ދަނޑުގައެވެ.

ޒޯން އެކެއްގެ ބުރުގައި ވާދަކުރާނީ ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ އާއި ހއ. އަތޮޅުގެ ޗެމްޕިއަން ކެލާ އެވެ. ޒޯން އެކެއްގެ ޗެމްޕިއަންކަން ލިބޭނީ ދެ ލެގު ކުޅެ، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށެވެ.