19 Aug 2016, 20:50
މި އަހަރުގެ ދެވަނަ ކުއާޓަރު ނިމިފައިވާ އިރު، އަމާނާ ތަކާފުލްއަށް ފަސް މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
ސްރީލަންކާގެ އަމާނާ ގްރޫޕުން ރާއްޖޭގައި ހިންގާ އަމާނާ ތަކާފުލް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން އާންމުކޮށްފައިވާ އެކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ޓެކްސްއަށް ކެނޑުމަށް ފަހު ދެވަނަ ކުއާޓަރުގައި އަމާނާ ތަކާފުލްއަށް ލިބުނީ 1.8 މިލިޔަން ރުފިޔާއެވެ.
މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 3.3 މިލިޔަން ރުފިޔާއާ ބަލާއިރު 44 ޕަސަންޓު މަދު އަދަދެކެވެ.
އެހެންކަމުން މި އަހަރު ދެބައިވި އިރު އަމާނާ ތަކާފުލްއަށް ޖުމްލަ ފައިދާގެ ގޮތުގައި 5.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ނިމިދިޔަ ކުއާޓަރުގައި އަމާނާ ތަކާފުލްއަށް ޕްރީމިއަމްގެ ގޮތުގައި 34 މިލިޔަން ރުފިޔާ ލިބިފައިވާ އިރު އާމްދަނީގެ ގޮތުގައި 13.5 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ކަސްޓަމަރުންނަށް ލިބޭ ގެއްލުންތަކުގެ ބަދަލު ދިނުމުގެ ގޮތުން އަމާނާ ތަކާފުލްއިން މިދިޔަ ކުއާޓަރުގައި ހަތް މިލިޔަން ރުފިޔާ ހޭދަ ކޮށްފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަދަލު ދިނުމުގެ ގޮތުގައި އަމާނާއިން ހޭދަކުރީ ތިން މިލިޔަން ރުފިޔާއެވެ.