ހައިޟުގެ ދުވަސްވަރު ބަނޑުގައި ރިއްސައި، މަސައްކަތް ނުކުރެވޭ ހާލަތަށް ދާ ނަމަ "ޕީރިއަޑު ލީވް"ގެ ގޮތުގައި ކޮންމެ މަހަކު ދެ ދުވަހުގެ ލީވެއް އަންހެން މަސައްކަތްތެރިންނަށް ދިނުމަށް ޗައިނާގެ ޕްރޮވިންސަކުން ނިންމައިފި އެވެ.

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ނިންޝިއާ ޕްރޮވިންސްގެ ސަރުކާރުން އަންހެނުންނަށް ޕީރިއަޑު ލީވުގެ ނަމުގައި މަހަކު ދެ ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައި ވާ އިރު، އެއާ ބެހޭ ރަސްމީ ގައިޑުލައިންތައް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

މީގެ އިތުރުން އެ ޕްރޮވިންސުން ވަނީ އަންހެނުންނަށް ވަޒީފާގެ މާހައުލުތަކުގައި ޚާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދޭނެކަމަށް ބުނެފަ އެވެ.

އެގޮތުން، ކައިވެނި ކުރުމާއި މާބަނޑުވުން، ނުވަތަ ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުން، ނުވަތަ ވަޒީފާގެ މަގާމު ދަށްކުރުމާއި މުސާރަ ކެނޑުން ފަދަ ކަންކަން ކުރުމަކީ މަނާ ކަންކަން ކަމަށް އެ ޕްރޮވިންސުން ވަނީ ކަނޑައަޅާފަ އެވެ. އަދި މި ގަވައިދުތަކަށް އަމަލު ނުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެ އެވެ.

މީގެ އިތުރުން އިއްދައިން ކެނޑިފައިވާ އަންހެނުން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެމީހުންނަށް ކުރެވޭ ވަރުގެ މަސައްކަތް ހަވާލު ކުރުމަށާ ނުވަތަ އެމީހުންނާ ގުޅޭ އެހެން މަގާމަށް ބަދަލު ކުރުން ފަދަ ކަންކަން ކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް ނަންޝިއާ ޕްރޮވިންސުން ވަނީ އަންގައިފަ އެވެ.