ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ސާމާނު ހިފައިގެން ފުވައްމުލަކަށް ދަނިކޮށް އެރަށުގެ ދެކުނު ފަރާތު ފަރަށް އެރި ޓަގުބޯޓު ފުންކުރުމަށް ސިންގަޕޫރުން ގެނައި ޓަގުބޯޓު ފުވައްމުލަކަށް ގޮސް، އެ އާގުބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސިންޑިއާގެ ސޫތުކުޅިން ތަކެތި ހިފައިގެން މާލޭ ބަނދަރުން ކްލިއަރަންސް ހޯދުމަށްފަހު ފުވައްމުލަކަށް ދިޔަ ވިއެޓްނާމުގެ "އެމްވީ އެންޖީއޯސީ ސަން" ބޯޓު ފުވައްމުލަކުގެ ފަރަށް އެރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ބޯޓުގެ ރާއްޖޭގެ އޭޖެންޓު އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު "ސަން" އަށް މިރޭ ވިދާޅުވީ، އެ ބޯޓު ފުންކުރުމަށް ހަވާލުކުރި ސިންގަޕޫރުގެ ސެލްވޭޖް ކުންފުނިން ރާއްޖެ ގެންނަ ޓަގު ބޯޓު މިއަދު ހެނދުނު ރާއްޖެ އައިސްފައިވާ ކަމަށާއި، އާގުބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ފަސްހާސް ހަތްސަތޭކަ ޓަނުގެ ތަކެއްޗާ އެކު ފުވައްމުލަކު ފަރަށް އެރި އެ ބޯޓު ފުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އޯޝަން ލޮޖިސްޓިކްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު ދެ ޓަގުބޯޓު އައިސް، ބޯޓު ފުންކުރުމުގެ މަސައްކަތާ ގުޅޭނެ ކަމަށެވެ. އެ ބޯޓުތައް ގެންނާނީ ރާއްޖެއާ އެންމެ ގާތުން ޓަގުބޯޓު ޑިޕްލޯއި ކުރެވެން އޮތް ހިސާބަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ސަމާ އައިލެންޑް ރިޒޯޓް ކައިރީގައި އޮތް ފަރަކަށް އެރި ވިއެޓްނާމްގެ ބޯޓް 508 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އެ ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާތީ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ.