މިމަހުގެ 27 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކްރޮއޭޝިއާގައި ބާއްވާ ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕަށް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުނު ނަމަވެސް ހިތްހަމަ ޖެހޭ ވަރަށް ތައްޔާރު ވެވިއްޖެ ކަމަށް ރާއްޖެ ވަށައި ފުރަތަމަ ފަހަރަށް ކަތަމަރާނައެއްގައި ދަތުރުފުރިހަމަކުރި އަބްދުލްޣަފޫރު އަލީ (ގައްބެ) ބުނެފިއެވެ.

ގައްބެ ރާއްޖެ ވަށައި ކަތަމަރާނިއެއްގައި ބުރުޖެހި އިރު އޭނާގެ ޓީމްގައި ހިމެނޭ އާދަމް ފައިސަލް (އެޑަމް) އާއި ގައްބެގެ ސްޕޮންސަރުންނާއެކު މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައްބެ ބުނީ ދުނިޔޭގެ ޗެމްޕިއަނުންނާ އެކު ވާދަކުރާ މުބާރާތަކަށް ތައްޔާރުވުމަށް އެންމެ އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ.

"މުބާރާތައް ތައްޔާރު ވާންޖެހޭ އެންމެ މުހިންމު ވަގުތުކޮޅު އަޅުގަނޑުމެންނަށް ބޭކާރު ކޮށްލެވިއްޖެ. މިދިޔަ ތިން ހަފްތާ އަޅުގަނޑުމެން މި އުޅުނީ ސްޕޮންސަރ ކަންތަކުގައި. ކުރިން އޮތީ އޮލިމްޕިކް ކޮމެޓީއިން ހުރިހާ ކަމެއް ހަމަޖައްސަ ދޭގޮތަށް. ނަމަވެސް އޮލިމްޕިކް ކަންތަކުގައި އެބޭފުޅުން މާބޮޑަށް ބިޒީވެގެން ދިޔައީ،" ގައްބެއާ އެކު ޓީމް އިވެންޓްގައި ވާދަކުރާ އަނެއް އެތުލީޓް އެޑަމް ބުންޏެވެ.

ނަމަވެސް ގައްބެ ބުނީ ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުތެރޭގައި ކުރި މަސަތްކަތުން މިހާރު ވަނީ ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖެހިފައި ކަމަށެވެ. އެގޮތުން ދިރާގާއި ތިލަފުށި ކޯޕަރޭޝަނާއި ޓާކިޝް އެއާލައިންސް އާއި ވޯޓާ ސްޕޯޓްސް ވޯލްޑާއި ޔޫތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައްބެ އާއި އެޑަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މިރުޝާން ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ދިވެހި އެތުލީޓުން ދަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން ކަމަށާއި އޭގެ ތެރެއިން ގައްބެ އަކީ ތަފާތު އެތުލީޓެއް ކަމަށެވެ.

"މިއަހަރު ފެށުނުއިރު އަޅުގަނޑުމެންނަށް ފެނުނީ ދިވެހި ޒުވާނަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަށައި ވަރަށް ކުޑަމުއްދަތެއްގައި ޓޮޕް ކެޓެއްގައި ދަތުރުކުރި މަންޒަރު. އެއީ ފަސޭހަ ކަމެއް ނޫން،" މިރުޝާން ވިދާޅުވިއެވެ.

މިރުށާން ވިދާޅުވި ގައްބެ މީގެ ކުރިން އެމަސަތްކަތައް ނުކުތް އިރު ގިނަ މީހުން ދެކުނީ ހުވަފެނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އޭނާގެ ބުރަ މަސަތްކަތާއި ހިތްވަރުން އެކަން ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް ވަދެފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ވެސް މިފެނިގެންދަނީ އެފަދަ ހުވަފެނެއް. ހަވަފެނެއްގެ ގޮތުގައި އަޅުގަނޑުމެން ފަށާ ކަންތައްތަކަކީ ދިވެހީންނަށް ވެސް ހަމަ ދުނިޔޭގެ ފެންވަރުގައި އެކަންތައްތަކުގައި ބައިވެރިވެ ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ހުރި ކަންކަން،" މިރުޝާން ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ސެއިލިން ފެޑެރޭޝަނުން ލިބުނު އެ ފުރުސަތެއްގައި ގައްބެ އާއި އެޑަމް ވަނީ ވޯޓާ ސްޕޯޓްސް ވޯލްޑް ފަރާތުން ހަމަޖެހުނު ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ކޯޗުގެ އިރުޝާދުގެ ދަށުން އޮޅުވެލި އައިލެންޑް ރިސޯޓްގައި ތަމްރީންތަކެއް ފުރިހަމަ ކޮށްފައެވެ.