އާއްމުކޮށް ބަނޑުބޮޑުވުމަށްފަހު ވިހެއުމާ ދޭތެރޭ 38 ހަފްތާ ނުވަތަ ނުވަ މަސް ނަގާކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ މުއްދަތަށްވުރެ އަވަހަށް ނުވަތަ ލަހުން ވެސް ވިހެއުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ޗައިނާގެ މެދުތެރޭގައި އޮންނަ ހުނާން ޕްރޮވިންސްގެ އަންހެނަކު ބުނާގޮތުން އޭނާގެ ބަނޑަށް މިހާރު 17 މަސް ވެއްޖެއެވެ.

ހުނާން ޕްރޮވިންސްގެ ޓިއަންޕިން ނަމަކަށް ކިޔާ ސަހަރެއްގައި ދިރިއުޅޭ ވޭން ޝީ ނަމަކަށް ކިޔާ އަންހެނަކު ބުނާގޮތުން، އޭނާ ބަނޑުބޮޑުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ނަމަވެސް ޑޮކްޓަރުން އޭނާ ވިހާނެ ތާރީހެއްގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ދިން ނަމަވެސް އަދިވެސް ނުވިހާ ކަމަށް އޭނާ ބުންޏެވެ.

ޝީގެ ވާހަކަތައް ސާބިތު ކޮށްދިނުމަށް ސަރުކާރުން އޭނާ ވިހެއުމުގެ ހުއްދަ ދީފައިވާ ރަސްމީ ލިއުމެއް ޗައިނާގެ މީޑިއާތަކާ ވަނީ ހިއްސާކޮށްފައެވެ. ޗައިނާގައި ވިހެއުމުގެ ހުއްދަ ދީ ލިއުމެއް ދޫކުރުމަކީ އެގައުމުގެ އާއްމު އިޖުރާއުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޝީ ވިހެއުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައިވާ ކަމުގެ ރަސްމީ ލިއުން ---

ޝީ ބުނީ، އޭނާ ވިހަން ދީފައި އިން މުއްދަތުގައި ނުވިހައި ދިގު ދެމިގެންދާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށާއި ނުވިހާ ގިނަ ދުވަސް ވުމުން ބޭރަށް ނުކުންނަން ޖެހިލުންވާ ކަމަށެވެ. އަދި ވިހަން ދީފައި އިން މުއްދަތަށްފަހު 30 ޗެކްއަޕް ޓެސްޓުތައް ހެދުމަށް 10،000 ޔުއާން ހަރަދުކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ޝީ ގެ ވާހަކަތައް އެގައުމުގެ ޑޮކްޓަރުން ގަބޫލެއް ނުކުރެއެވެ. ޝީގެ މައްސަލައާ ގުޅިގެން އޭނާ ޓެސްޓުތައް ހަދަންދިޔަ ހޮޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން ޗައިނާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝީގެ ބަނޑުގެ އަލްޓުރާސައުންޑެއް ހެދުމަށް އޭނާ ދެކޮޅު ހަދާފައިވާ ކަމަށެވެ.

ޝީގެ ޑޮކްޓަރު ހުއާންގ ---

"އަހަރެން ނަތީޖާތައް ބަލައިފިން. ޝީގެ ބަނޑަށް އަދި ގާތްގަނޑަކަށް ވެފައިވަނީ 38 ހަފްތާ. ހުރިހާ ކަމެއް ވެސް އަދި ވަރަށް ރަނގަޅު، ޝީގެ ބަނޑަށް 17 މަސް ވެފައިވާ ކަމުގެ އެއްވެސް ސިއްހީ ހެއްކެއް ނެތް،" ޝީ ދެއްކި ހޮސްޕިޓަލުގެ ދަރިމައިވުމުގެ ޑިޕާޓްމަންޓުގެ އިސްވެރިޔާ ހުއާންގް ވިދާޅުވިއެވެ.

ޝީ އަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރު ހުއާންގް ބުނީ، ޝީ ކުރިން ދެއްކި ޑޮކްޓަރުން އޭނާ އެއްވެސް ޓެސްޓެއް ހަދާފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިހާތަނަށް ހަދާފައިވާ ހުރިހާ ލިޔެކިޔުމެއް ވެސް ހަދާފައިވަނީ ޕޭޝަންޓުން ބުނި އެއްޗަކަށް ކަމަށް ބުނެފައިވެއެވެ.