ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު 117 ފަރާތަކުން އެކަމަށް ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އެކޮމިޝަންގެ މެންބަރު ކަމަށް އެދި 98 ފިރިހެނުންނާއި 19 އަންހެނުން ކުރިމަތިލާފައިވާ ކަމަށާއި އެ ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު އެފަރާތްތަކުގެ މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހު، އެ ކޮމިޝަނަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުން ކަސްޓަމްސް އިނަޓެގްރިޓީ ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި އެޤާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަންގެ މެންބަރުން އައްޔަން ކުރާނީ، ރައްޔިތުންގެ މަޖިލީހުންދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތުން އިތުރުކުރުމާއި، ކަސްޓަމްސް މުވައްޒަފުންގެ ތެރޭގައި ހިނގާ ޤާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް، މިނިވަންކަމާ އެކު ތަހްގީގުކޮށް، ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމާއި، ކަސްޓަމްސް މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ގާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ކަސްޓަމްސް މުވައްޒަފުންގެ ހިދްމަތާ ބެހޭގޮތުން އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުކުރުމުގެ މަގުސަދުގައި އުފެއްދެވި ކޮމިޝަނެ ކެވެ. އެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި އަދި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، މިނިވަން ގާނޫނީ ޝަހުސެކެވެ.