19 Aug 2016, 16:00
ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިއާގެ ގޮތުގައި ދާދިފަހުން އިޓަލީގެ ޔުވެންޓަސް އިން މެންޗަސްޓާ ޔުނައިޓެޑަށް ގުޅުނު ޕައުލް ޕޮގްބާ އަށް ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޗްލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނީއޯ ބުނެފިއެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުގެ މަގާމް ފުރަމުންދާ މޮރީނިއޯ އެ ކްލަބަށް އެންމެ ގެންނަން ބޭނުންވި ކުޅުންތެރިއަކީ ވެސް ފްރާންސްގެ ޒުވާން ޕައުލް ޕޮގްބާއެވެ. މީގެ ކުރިން ވެސް ޔުނައިޓެޑަށް ކުޅެފައިވާ ޕޮގްބާ އަންނަނީ އެ ޓީމްގެ ޖާޒީގައި މިރޭ ސައުތްއެމްޓަންއާ ދެކޮޅަށް ނިކުންނަށް ތައްޔާރު ވަމުންނެވެ.
ޕޮގްބާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ އަކީ އެންމެ މޮޅު މިޑްފީލްޑަރު ކަމުގައިވީ ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދުމަށް އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.
"އެންމެ ފުރަތަމަ މޮޅު ކުޅުންތެރިއާގެ އެވޯޑް ލިބޭގޮތަށް ބަލާލާއިރު ވޭތުވެދިޔަ އަހަރު ތަކުގައި އެ އެވޯޑް މިލިބެނީ ގިނަ ގޯލުތަކެއް ޖަހާ ކުޅުންތެރިއަކަށް. ނަމަވެސް ޕޮގްބާ ކުޅޭ މަގާމްގެ ގޮތުން އޭނާ ޖަހާ ގޯލަށް ވުރެން އެހެން ކުޅުންތެރިންނަށް ގޯލުޖަހަން ތަނަވަސް ކޮށްދޭ ފުރުސަތުތައް މާގިނަ،" މޮރީނިއޯ ބުންޏެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިއާއަށް ދޭ ބެލޯން ޑޯ އެވޯޑް 2008 އިން ފެށިގެން އަދި ލިބެ،މުންދިޔައީ ޕޯޗުގަލްގެ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ދެކުޅުންތެރިންނަށެވެ.
މެސީ ވަނީ މިހާތަނަށް ކެރިއަރުގައި 374 ގޯލު ކާމިޔާބް ކޮށްފައެވެ. ރޮނާލްޑޯއަށް ކާމިޔާބު ކުރެވިފައިވަނީ 364 ގޯލެވެ. ނަމަވެސް 2012 ވަނަ އަހަރު ޔުނައިޓެޑުން ޖުވެންޓަސް އަށް ބަދަލުވެ އެ ކުލަބުގައި ހޭދަކުރި ހަތަރު ސީޒަނުގައި ކާމިޔާބު ކުރެވިފައި ވަނީ 34 ގޯލެވެ.
މޮރީނިއޯ ބުނީ މޮޅުކުޅުންތެރިއާގެ އެވޯޑަކީ ގިނަ ފަހަރަށް ފޯވާޑުންނަށް ހާއްސަ އެވޯޑެއް ކަމަށާއި ދުނިޔޭގެ މޮޅެތި ގިނަ ގޯލު ކީޕަރުންނާއި ޑިފެންޑަރުން ވެސް ކެރިއަރު ނިންމާލަނީ އެ ފަދަ އެވޯޑަކާ ނުލާ ކަމަށެވެ.