19 Aug 2016, 14:52
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ކައުންސިލްތަކުގެ 80 ޕަސަންޓު ގޮނޑި ހޯދާނެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޔޫއޯއިން ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އެމްޔޫއޯ ޝެޑޯ އެޑިއުކޭޝަން މިނިސްޓަރު ޝިފާ ވިދާޅުވީ، މިފަހަރު އެމްޑީޕީއިން ކައުންސިލް އިންތިޚާބަށް ކުރިމަތިލަނީ އިދިކޮޅު އިއްތިހާދުގައި ބައިވެރިވާ ޕާޓީތަކާ އެކުގައި ކަމަށެވެ.
ޝިފާ ވިދާޅުވީ، އެކުގައި މަސައްކަތް ކޮށްގެން އިއްތިހާދަށް 80 ޕަސަންޓު ގޮނޑި ލިބޭނެ ކަމަށެވެ.
"ލައްކަ ގިނަ ގޮނޑި ލިބޭނެ މަސައްކަތް ކުރާ ކަމަށް ވަންޏާ. އެހެންކަމަށް ވަންޏާ 1،000 ކައުންސިލަރުންގެ ތެރެއިން 80 ޕަސަންޓު ވަރު ނަގާނެ. އެންމެހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ގޮވާލާނީ މިއަދުން ފެށިގެން ހިތްވަރާ އެކު މަސައްކަތް ފަށާށޭ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ، މިއަދު ސަރުކާރު ހިންގާ ފަރާތްތަކަށް ކައުންސިލުތަކުން "އެންމެ ގޮނޑިއެއް ވެސް ދީގެން ނުވާނެ"ކަމަށެވެ. ސަބަބެއް ކަމަށް ޝިފާ ވިދާޅުވީ، ސަރުކާރުން ވެރިކަމަށް އައި ދުވަހުން ފެށިގެން ރައްޔިތުން ބިކަކޮށް، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން އަންނާތީ އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޔޫއޯގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ މިއަދު ސަރުކާރުގެ ހާލަތް އޮތީ ދަށު ދަރަޖައެއްގައި ކަމަށާއި ވެރިކަން ދިފާއު ކުރަން އަޑު އުފުލާނެ އެއްވެސް ފަރާތެއް މިއަދު ނެތް ކަމަށެވެ.
އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ސަރުކާރަށް ފާޑު ވިދާޅުވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވަން ފެއްޓެވި ހިސާބުން ފެށިގެން ސަރުކާރު "ވަނީ ނިމިފައި" ކަމަށް އޭނާ ވިދާޅުވިއެވެ.