މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު ކައިރިން ހައްޔަރުކުރި ތިން ނޫސްވެރިން ދޫކޮށްލައިފިއެވެ.

އެ ތިން ނޫސްވެރިން ދޫކޮށްލާފައި ވަނީ ގިނަ އިރުތަކެއް ވަންދެން ފުލުހުންގެ އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގައި ބޭތިއްބުމަށްފަހުއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އެ ތިން ނޫސްވެރިން ހައްޔަރުނުކުރާ ކަމަށާއި ނަސޭހަތް ދިނުމަށްފަހު މިހާރު ވަނީ އެ ތިން މީހުން ވެސް ދޫކޮށްލާފައި ކަމަށެވެ. ފުލުހުން ބުނާގޮންނަމަ އެ ތިން ނޫސްވެރިން ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށެވެ.

މިއަދު ހައްޔަރުކޮށްފައި ވަނީ ސަންގު ޓީވީގެ ދެ ވީޑިއޯ ޖާނަލިސްޓުން ކަމުގައިވާ އަހުމަދު އަޔާދު އާއި ޖަނާހު އާދަމްގެ އިތުރުން ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓު މުހައްމަދު މަމްދޫހުއެވެ.

މިކަމާ ގުޅޭގޮތުން ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު ސަން އަށް ވިދާޅުވީ އަޔާދު އާއި ޖަނާހު ހައްޔަރުކޮށްފައި ވަނީ ހުކުރުނަމާދުގެ ސަލާންދިންތަނާ ކަމަށެވެ.

އޭނާ ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ވެސް ލައިވް އިވެންޓުތައް ރިޕޯޓު ކުރުމާއި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަކީ ހުއްދަ ކަމެއް ކަމަށެވެ.

"އެހެންވީމަ މިހުންނަނީ އެ ގާނޫނުގެ ދަށުން ވެސް ހުއްދަ ކުރެވޭ ކަންކަން. އެކަންކަން އަޅުގަނޑުމެންނަށް ރިޕޯޓު ނުކުރެވޭ ދަރަޖަޔަށް ނޫސްވެރިކަން ވެއްޓެމުންދާ ދިޔުމަކީ ސަންގު ޓީވީން ނިހާޔަތަށް ކަންބޮޑުވާ ކަމެއް. ސަންގު ޓީވީން ގޮވާލަން ޚާއްސަކޮށް ލައިވް އިވެންޓުތަކުގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިން ހިފައި ހައްޔަރުކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށް،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ ސަންގު ޓީވީގެ ދެ ނޫސްވެރިން މިހާރު ދޫކޮށްލާފައިވާ ކަމަށާއި "އިދިކޮޅު ފަރާތްތަކުން ހިންގި ސިޔާސީ ހަރަކާތްތަކަށް އެ ދެ ނޫސްވެރިން ހިތްވަރު ދިން ކަމަށް ބުނެ ލިޔެފައިވާ ބަޔާނެއްގައި" ސޮއިކުރުމަށް ފުލުހުން އެ ދެ ނޫސްވެރިންނަށް އެންގި ކަމަށެވެ. ނަމަވެސް އޭގަައި ސޮއިކުރަން އެ ދެ ނޫސްވެރިން އިންކާރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަންގު ޓީވީ އަކީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހިއްވަރުދޭ ޓީވީ ސްޓޭޝަނެއް ނޫން ކަމަށާއި، އިދިކޮޅު ސިޔާސީ ހަރަކާތްތައް ކަވަރު ކުރުމަކީ އެ ހަރަކާތްތަކަށް ހިއްވަރުދިނުން ކަމުގައިވާނަމަ އެފަދަ އެއްވެސް ހަރަކާތެއް މީގެފަހުން މީޑިއާ އަށް ކަވަރު ނުކުރެވޭނެ ކަމަށެވެ.

ސަންގު ޓީވީގެ ނޫސްވެރިންގެ ބޮލުގައި ފުލުހުން އެޅުވީ ދޮގު އިލްޒާމެއް ކަމަށާއި އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ ސަންގު ޓީވީގެ އެ ވާހަކަތަކާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ސަން އަށް ވިދާޅުވީ އެ ސްޓޭޝަންގެ ނޫސްވެރިން އިސްލާމީ މަރުކަޒުގައި ހަރަކާތްތެރިވީ ހުކުރު ނަމާދާއި ހުކުރު ޚުތުބާ ކަވަރު ކުރުމަށް ކަމަށެވެ. އެއަށްފަހު އިސްލާމީ މަރުކަޒު ކައިރީ ބައެއް މީހުން ދުޢާ ކުރާތީ ދުޢާކުރުން ވެސް އެ ޓީވީން ކަވަރުކުރާ ކަމަށް ފިޔާޒު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓު މަމްދޫހު މިއަދު ދުޢާކުރަން ތިބި މަންޒަރު ވީޑިއޯ ކުރަން އުޅެނިކޮށް އެކަމަށް ހުރަސްއަޅައި އޭނާ ހައްޔަރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.