ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމުން ޔޮރްދާން ސްޓޮއިކޯފް އިވަނޯފް އިސްތިއުފާ ދީފިއެވެ.

ނިއުގެ ކޯޗުކަމުން ސްޓޮއިކޯފް އިސްތިއުފާ ދީފައިވާކަން 'ސަން' އަށް ކަށަވަރުވެފައިވަނީ އެ ކްލަބުގެ ސީނިއާ ކުޅުންތެރިއެއްގެ ފަރާތުންނެވެ.

ސްޓޮއިކޯފް އިސްތިއުފާ ދިންކަން ސަން އަށް އެނގުނު ހިސާބުން ކުރި މަސައްކަތުން ނިއުގެ އިސް ވެރިއެއްގެ ކޮމެންޓެއް ވަނީ ލެބޭގޮތް ނުވެފައެވެ.

ސްޓޮއިކޯފް އަކީ ނިއު އަށް ކުރިން ކާމިޔާބީތަކެއް ހޯދައިދިން ކޯޗެކެވެ. ދެ ފަހަރެއްގެ މަތިން ނިއު އަށް އިރުޝާދުދިން ކޯޗު ސްޓޮއިކޯފް، މި ސީޒަނުގައި އަލުން އެ ކްލަބާ ހަވާލުވި ނަމަވެސް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.

މި ސީޒަނުގައި ނިއުއާ ސްޓޮއިކޯފް ހަވާލުވި އިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެލިގޭޓްވި މަހިބަދޫ ސްޕޯޓްސް ކްލަބަށް އިރުޝާދުދީފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ނިއު ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. ނިއު އަކީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަނުންނެވެ.