19 Aug 2016, 13:57
އިންސާނާއަކީ ހުރުމަތްތެރިވެގެންވާ މަޚުލޫގެއް ކަމަށާއި، އިންސާނާއަށް މާތްﷲ ދެއްވާފައިވާ އިޚްތިޔާރާއި އަޅުވެތި ނުވުމުގެ ހައްގު އެެހެން އިންސާނަކަށް ނިގުޅައިގަތުމުގެ ހައްގު އެހެން އިންސާނަކަށް ލިބިގެން ނުވާކަމަށް ޚުތުބާގައި ވިދާޅުވެއްޖެ އެވެ.
މިއަދު އިއްވި ހުކުރު ޚުތުބާ ބިނާކުރައްވާފައި އޮތީ އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގްއާ ބެހޭގޮތުންނެވެ.
ޚުތުބާގައި ވިދާޅުވެފައި ވަނީ ހިއުމަން ޓްރެފިކިންގްގެ ސަބަބުން ދުނިޔޭގެ އެތައް ހާސް ބަޔަކު ވަނީ އަޅުވެތިވެފައި ކަމަށާއި، އެފަދަ މީހުންގެ ތެރެއިން އަންހެނުން ހަށިވިއްކުމާއި ޖިންސީ ފަތުރުވެރިކަން ފަދަ ކަންކަމުގެ ތެރެއަށް ބަޔަކު ވައްދަމުން ދާ ކަމަށެވެ.
ހުތުބާގައި ވިދާޅުވީ، އަންހެނުންނަށް ހިތްވަރު ދީގެން ހަޑިހުތުރު އަމަލުތައް އެމީހުން ލައްވާ ކުރުމަކީ ޝައިތާނީ އަމަލުތަކަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ހިއުމަން ޓްރެފިކިންގްގެ މައިގަނޑު އެއް ލަނޑުދަނޑިއަކީ ޖިންސީ ވިޔަފާރީގައި މީހުން އިންވެސްޓު ކުރުން ކަމަށާއި އެހެން ނަމަވެސް ދުނިޔަވީ ފައިދާ ހާސިލުކުރުމަށް ވެސް އަޅު އަންހެންކުދިން ލައްވާ ހަޑިހުތުރު މަސައްކަތް ނުކުރުމަށް މާތްﷲ ވަހީ ކުރައްވައި އަންގަވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވި އެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢަށް ނުރައްކާތެރި ބަލިމަޑުކަންތައް ފެތުރޭ ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވިދާޅުވި އެވެ.
އިންސާނާއަކީ ހުރުމަތްތެރިވެގެންވާ މަޚުލޫޤެއް ކަން ހަނދާން ކޮށްދެމުން މިއަދުގެ ޚުތުބާގައި ވިދާޅުވެފައި ވަނީ އެ އިހްތިރާމާއި ޤަދަރު ވައްޓާލުމަކީ ދީނުގައި މަނާ ކަމެއް ކަމަށެވެ.
"އިންސާނާއަކީ މާތްﷲ މިނިވަން ކާއިނެއްގެ ގޮތުގައި އުފައްދަވާފައިވާ ކާއިނެކެވެ. މާތްﷲ އޭނާއަށް ވަނީ ހެޔޮމަގާއި ނުބައި މަގު ބަޔާންކޮށްދެއްވާފައެވެ. އޭނާ އަޅުވެތިކުރުމުގެ، ނުވަތަ އޭނާއަށް ދެއްވާފައިވާ އިޚްތިޔާރު ނިގުޅައިގަތުމުގެ ހައްގު އެހެން އިންސާނަކަށް ދެއްވާފައެއް ނުވެ އެވެ،" މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވި އެވެ.