އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ 1-5ގެ ނަތީޖާއަކުން ބަލިކޮށް މާޒިޔާ ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މިރޭގެ މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު 13 މެޗުން 28 ޕޮއިންޓް ލިބިގެން މާޒިޔާ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. މާޒިޔާ އަތުން ބަލިވި ޔުނައިޓެޑް ވިކްޓަރީ އޮތީ 13 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

މިރޭގެ މެޗު ފެށިގެން ވެސް މާޒިޔާއިން ރަނގަޅަށް ކުޅުނުއިރު އަލީ އަޝްފާގު(ދަގަނޑޭ) އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއީ ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާޒިޔާއަށް ލިބުނު ހުސް ދެ ފުރުސަތު ބޭނުން ނުކުރުވުމުގެ ފައިދާ ނަގައި ޔުނައިޓެޑް ވިކްޓަރީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފަ އެވެ. އެ ގޯލު ޔުނައިޓެޑް ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ކެރިކް އެންޑްރެޖް އެވެ.

ނަމަވެސް ޔުނައިޓެޑް ވިކްޓަރީއަށް ލީޑުގައި އޮވެވުނީ އެންމެ ހަތް މިނެޓްގައެވެ. ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަސަދުﷲ އަބްދުﷲ(އަސައްކޮ) އެ ގޯލު ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ މަތީކަނަށް ފޮނުވާލައިގެންނެވެ.

އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއީ ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފަ އެވެ. އެ ގޯލު މުހައްމަދު އުމައިރު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފު ފެށިގެން މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ތިން ވަނަ ލަނޑަކީ ޔުނައިޓެޑް ވިކްޓަރީގެ ހުސެން ޝުއައިބް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޔުނައިޓެޑް ވިކްޓަރީގެ ގޯލު ކުރިމައްޗަށް އުމައިރު ހުރަސްކޮށްލި ބޯޅަ ޝުއައިބު ދިފާއުކުރަން ބޮލުން ޖައްސާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މާޒިޔާގެ ހަތަރު ވަނަ ގޯލު އިސްމާއިލް އީސަ ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ފަހު ގޯލު އަސައްކޮ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއީ ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރާ މެޗެވެ.