އެމްއެންޑީއެފްގެ ހެޑް ކުއާޓާސް، ބަންޑާރަ ކޮށީގައި ހައްޔަރުކޮށްފައި ތިބި ސިފައިންގެ ތިން މީހަކު ވަޒީފާއިން ވަކިކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އެ ތިން މީހުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ބޮޑީގާޑު އަހްމަދު ފައްތާހު އާއި ސިފައިންގެ ސްކައިޑައިވަރު މުހައްމަދު ފައްވާޒްގެ އިތުރުން ސްޕެޝަލް ފޯސްގައި ހިމެނޭ އިތުރު ސިފައިންގެ މީހެއް ކަމުގައިވާ ނައުޝާދު އާދަމްއެވެ.

ސިފައިންގެ ހައްޔަރުން ދޫކޮށްލުމަށްފަހު މިރޭ 11:45 ހާއިރު ފައްވާޒު އާއި ނައުޝާދު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ތިން މީހުންގެ ތެރެއިން ފަައްވާޒު އާއި ނައުޝާދުގެ ފޯނު ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައި ކަމަށް ފައްވާޒުގެ އާއިލާ އިން ބުންޏެވެ.

އެ ދެ މީހުންގެ ފޯނު ހިފެހެއްޓި ކޯޓު އަމުރުގައި ވަނީ ފޯނު ހިފެހެއްޓީ ފޯނު ކޯލްތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދުމަށް ކަމަށެވެ.

ކޯޓު އަމުރުގައިވާގޮތުން އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސިފައިނާއި ފުލުހުންގެ ތެރެއިން މީހުން ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތެވެ. އަދި ފޯނުން ހޯދަން ބޭނުންވަނީ އެކަމާ ގުޅޭ ހެއްކާއި ގަރީނާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައިވާގޮތުން އެ މައްސަލާގައި މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާ އަކީ ތަހުގީގަށް ލިބިފައިވާ މައުލޫމާތެވެ.

އެ ދެ މީހުންގެ ފޯނާއި ސިމް ކާޑު ހިފަހައްޓާފައި ވަނީ ތިން މަސް ދުވަހަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.

ވައްވާޒާއި ނައުޝާދު ރަށުން ބޭރަށްދިޔުން މަނާކުރާ ކޯޓު އަމުރެއް ވެސް ކްރިމިނަލް ކޯޓުން ވަނީ ނެރެފައެވެ. އެ އަމުރުގައި ވަނީ ރަށުން ބޭރަށް ދިޔުން މަނާކޮށްފައި ވަނީ އެ ދެ މީހުން ފުރައިގެން ގޮސްފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރަން ދެ މީހަކު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް އޭގެތެރެއިން އެކަކުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.