ރާއްޖޭގައި ނެތެމުންދާފުޓްބޯޅައިގެ ފޯރިއާލާކޮށް ދިރުވުމަށްޓަކައި ހދ. ކުޅުދުއްފުށީގެ ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑަށް އައުމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ދައުވަތު ދެއްވައިފިއެވެ.

މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅުގެ ފައިނަލް މެޗުގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ކުޅުނު މެޗުގައި ސަޕޯޓަރުން ތަރުހީބް ދެނީ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ޓޮމްގެ އެ ދައުވަތަކީ ދާދި ފަހުން ކުޅުދުއްފުށީގައި ނިމިދިޔަ މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މެޗުތައް ކުރިއަށްދިޔަ ކުޅުދުއްފުށީން، އެ ރަށު ފުޓްބޯޅަ ޓީމަށް ލިބުނު އާދަޔާ ހިލާފް ސަޕޯޓުގެ ސަބަބުން ދެވުނު ދައުވަތެކެވެ. ޓޮމް ވަނީ ކުޅުދުއްފުށީގެ ސްޕޯޓަރުން ގަލޮޅު ދަނޑަށް ވަޑައިގެން ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ދައުވަތު ދިން ކަން 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

'ސަން' އަށް މައުލޫމާތުދެމުން ކުޅުދުއްފުށި ސްޕޯޓްސް ކްލަބުގެ އިސް ސަޕޯޓަރު އަބްދުއްރަޝީދު ސައީދު (އަބްސީ) ބުނީ މިއަދު ހަވީރު ޓޮމްގެ އެ ދައުވަތު ލިބުމާ އެކު ސަޕޯޓަރުން ވަނީ ބައްދަލުކޮށް އަންނަ މަހު އެއްވަނަ ދުވަހު ގައުމީ ޓީމާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބް ކުރި ޓީމް ބައްދަލު ކުރާމެޗަށް ދާން ނިންމާފައިކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅުގެ ފައިނަލް މެޗުގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ކުޅުނު މެޗުގައި ސަޕޯޓަރުން ތަރުހީބް ދެނީ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

"އެފްއޭއެމްގެ ރައީސްގެ ދައުވަތު ގަބޫލް ކޮށް އަޅުގަނޑުމެން މިރޭއިން ފެށިގެން މިވަނީ ތައްޔާރު ވާން ފަށާފައި. އެފްއޭއެމްގެ ފަރާތުން ކަނޑުމަގުން މާލެ ދިއުމަށް ބޭނުންވާ ހުރިހާ ހަރަދަކާއި ދަނޑަށް ވަނުމުގެ އިންތިޒާމް ތައް ހަމަޖައްސައިދޭނެ،" އަބްސީ ބުންޏެވެ.

އަބްސީ ބުނީ ވަރަށް ގިނަ އަދެއްދެއްގެ ސަޕޯޓަރުން ތިބީ ގައުމީ ޓީމަށް ތަރުހީބުދިނުމަށް މާލެ ދާން ތައްޔާރަށް ކަމަށާއި ގާތްގަޑަކަށް 500 އެއްހާ ސްޕޯޓަރުން މިހާރު ވެސް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް ދަތުރު ފަތުރުކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަތެއް ހުރި ކަމަށް އޭނާ ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅުގެ ފައިނަލް މެޗުގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ކުޅުނު މެޗުގައި ސަޕޯޓަރުން ތަރުހީބް ދެނީ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

"އެފްއޭއެމްއާ ވާހަކަ ދައްކަމުން މިދަނީ ކޮންކޮން ސާމާނުތަކެއް ތޯ އަޅުގަނޑުމެންނަށް ލިބޭނީ. ސަޕޯޓްކުރަން މާލެއިން ސާމާނު ނުލިބޭނެ ނަމަ އަމިއްލަ ރަށުން ތަކެތި ތައްޔާރު ކޮށްގެން ވެސް ދާން ހަމަ ތައްޔާރަށް މިތިބީ،" އަބްސީ ބުންޏެވެ.

ކުޅުދުއްފުށީގެ ސަޕޯޓަރުން މީޑިއާގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ މިމަހުގެ ކުރީ ކޮޅުގައި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު އާދަޔާ ހިލާފް ތަރުހީބުންނެވެ.

މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅުގެ ފައިނަލް މެޗުގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ކުޅުނު މެޗުގައި ސަޕޯޓަރުން ތަރުހީބް ދެނީ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

އެގޮތުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑް ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ އަތްތިލަބަޑި އެސަޕޯޓަރުންގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.

ފުޓްބޯޅައިގައި މީގެ ކުރިން ސަޕޯޓަރުން ވަނީ ވަރަށް ބޮޑު ފޯރީއެއް ނަގާފައެވެ. ކުލަބްތައް ކުޅޭ މެޗްތަށް ބަލަން ގަވާއިދުން ސަޕޯޓަރުން ދަނޑަށް ވަދެއެވެ. އަދި ގައުމީ ޓީމް ކުޅޭ މެޗުތަކަށް ގައުމީ ފުޓްބޯޅަ ދަނޑު ފުރާލައެވެ. ނަމަވެސް އެދުވަސް މާޒީވެ ގައުމީ ޓީމު ކުޅޭ މެޗުތަކަށް ވެސް ވަންނަ ސަޕޯޓަރުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއީ މިވަގުތު ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.

ގައުމީ ފުޓްބޯޅަ ޓީމް މީގެ ކުރިން ކުޅުނު މެޗެއް ނިމިގެން ކުޅުންތެރިން ސަޕޯޓަރުންނަށް ސުކުރު އަދާކުރަނީ --- ފޮޓޯ: މޯލްޑިވްސް ސޮކާ

ހައްލެއް ހޯދުމަށް އެފްއޭއެމް އިން މިވަނީ ރާއްޖޭން ބޭރުން ތަޖުރިބާކާރުން ގެންނަން ނިންމައި ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް މަސަތްކަތް ވެސް ފަށާފައެވެ.