19 Aug 2016, 10:01
ޖެކޮލިން ފާނަންޑޭޒް އަކީ މިވަގުތު ބޮލީވުޑުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ފަންނާނެވެ. 2009 ވަނަ އަހަރު ބޮލީވުޑަށް ނުކުތުމަށް ފަހު އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައެވެ.
ނަމަވެސް ޖެކޮލިން ގަބޫލު ކުރާ ގޮތުގައި އޭނާއަށް މުޅިން ވެސް ކުޅެވިފައި ހުރީ ދާދި އެއްގޮތް ރޯލުތަކެކެވެ. އޭނާ އަކީ ހަމައެކަނި ވަކި ކަހަލަ ރޯލުތަކެއް ކުޅެވޭ މީހެއް ނޫން ކަމަށާއި ތަފާތު ރޯލުތައް ވެސް ކުޅެވޭނެ ކަން ސާބިތުކޮށް ދޭން ޖެކޮލިން ބޭނުންވެއެވެ.
"އަހަރެން ވަރަށް ބޭނުން ވިލަން އެއްގެ ރޯލު ކުޅެލަން. މި އަހަރު ވެސް މި ފެނުނީ ވަރަށް އެއްކަހަލަ ރޯލުތަކެއް. އެހެންވެ މިހާރު ވަނީ ވިލަން ގެ ރޯލު ކުޅޭ ހިތް،" ޖެކޮލިން ބުންޏެވެ.
ޖެކޮލިން ބުނީ އޭނާ އެންމެ ކުޅޭ ހިތްވަނީ ސުޕަހީރޯ ފިލްމުތަކާއި، ޖާދޫ ފަދަ ތީމް ތަކަށް ހުންނަ ފިލްމު ކަމަށެވެ.
ބޮލީވުޑުގައި ހަތް އަހަރު ހޭދަކޮށްފައިވާ އިރު އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް"، "ކިކް" އަދި މި އަހަރު ނުކުތް ކާމިޔާބު ފިލްމި "ދިޝޫމް" ފާހަގަކޮށްލެވެ އެވެ.
ޖެކޮލިން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރޭމޯ ޑިސޫޒާ ޑައިރެކްޓު ކުރާ "އަ ފްލައިންގ ޖެޓް" ގައި ޓައިގާ ޝްރޯފް އާއެކުއެވެ.
ޖެކޮލިން ބުނީ ހޮލީވުޑް ފިލްމަކުން ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި، ލިއޮނާޑޯ ޑިކެޕްރިއޯ އާއެކު މަސައްކަތް ކުރުމަކީ ވަރަށް ކުޑަ އިރުން ފެށިގެން ދެކޭ ހުވަފެނެއް ކަމަށެވެ.