19 Aug 2016, 10:00
ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް އުންމީދު ކުރެވުނު، ރިތިކް ރޯޝަންގެ "މޮހެންޖޯ ދާރޯ" އަށް ހީކުރި ވަރާ ގާތަށް ވެސް ތަރުހީބު ނުލިބި، ފިލްމުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފިއެވެ.
އާޝުތޯޝް ގޮވާރިކަރު ޑައިރެކްޓު ކުރި "މޮހެންޖޯ ދާރޯ" އަކީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރިތިކް ކުޅުނު ފުރަތަމަ ފިލްމެވެ. ރިތިކް އާއި އާޝުތޯޝް ވަނީ މީގެ ކުރިން ހިޓް ފިލްމު "ޖޯދާ އަކްބަރު" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.
އެހެންކަމުން "މޮހެންޖޯ ދާރޯ" އަކީ ވެސް ޖޯދާ އަކްބަރު ފަދަ މޮޅު ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދު ކޮށްގެންނެވެ. ނަމަވެސް ފިލްމަށް އަދި ލިބިފައި ވަނީ 40.90 ކުރޯޑު ރުޕީޒް އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ފިލްމަށް ލިބުނީ އެންމެ ތިން ކުރޯޑު ކަމަށް ހަބަރުތައް ބުނެއެވެ.
ފިލްމު އުފައްދާފައި ވަނީ 100 ކުރޯޑު ރުޕީޒްގެ ބަޖެޓަކުންނެވެ. އަދި ފިލްމުގެ ޕްރޮމޯޝަނަށް 15 ކުރޯޑު ވަނީ ހޭދަކޮށްފައެވެ.
ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ މިޔުޒިކް ރައިޓްސް އާއި ސެޓެލައިޓް ރައިޓްސް ވިއްކައިގެން އެ ފިލްމަށް ވަނީ 60 ކުރޯޑުގެ އާމްދަނީ އެއް ލިބިފައެވެ.