ތަރައްގީގެ އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާގެ ފޮރިން އެފެއާޒްގެ އެސިސްޓަންޓް މިނިސްޓަރު ކޮންގް ޒުވާންޔޫއާ އެކު ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޗައިނާގެ އެސިސްޓަންޓް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ އިގްތިސާދީ އެޖެންޑާއަށް ޗައިނާ ސަރުކާރުން ތާއީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ޗައިނާއިން އަބަދުވެސް އޮންނާނީ ރާއްޖެއާ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ޗައިނާގެ ފޮރިން އެފެއާޒުގެ އެސިސްޓަންޓް މިނިސްޓަރު ވަނީ، ރާއްޖޭގައި ޗައިނާ ސަރުކާރުން މިހާރު ހިންގަވަމުން ގެންދާ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމަވާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ސައީދަށް ދެއްވާފަ އެވެ.

މީގެ އިތުރުން، ތަރައްގީގެ އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީތެރިވެދިނުމަށާއި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ޕްރޮމޯޓްކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރު ސައީދު ވަނީ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓަކުގެ ތެރޭގައި ހިމެނޭ މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުންދާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އާއި ހައުސިން ޑިވެލޮޕްމަންޓް ޕުރޮޖެކްޓުތަކުގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައުލޫމާތު އެސިސްޓަންޓް މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.

އޭގެ އިތުރުން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ ތަރައްގީ އަށް ޗައިނާ ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމާއި ދެއްވަމުންދާ ލަފަޔަށް ޗައިނާ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު މުހައްމަދު ފައިސަލް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ ޕޮލިސީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކާ އިގްތިސާދީ ތަރައްގީ ގައުމަށް ގެނައުން ކަމަށެވެ.

ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ އެސިސްޓަންޓް މިނިސްޓަރާ ބައްދަލު ކުރެއްވުމުގެ އިތުރުން، މިނިސްޓަރު ސައީދު ވަނީ ޗައިނާގެ އެގްޒިމް ބޭންކުގެ ނައިބް ރައީސްއާ ވެސް މިއަދު ބައްދަލުރައްވާ ޝައުގުވެރިކަން ހުރި ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.