18 Aug 2016, 21:33
ފުލުހެއްގެ ގައިގައި އަތްލި މީހަކު އެއް މަހާ ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ގ.ސްވިންގް، ނާޒިމް ނަސީރު އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ޕޮލިސް ކޮންސްޓަބަލް އަހުމަދު ޝާކިރުގެ ގައިގައި އަތްލާފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 5:30 ހާއިރު ހެންވޭރު ސަހަރާ ކައިރީގައި މާރާމާރީއެއް ހިންގަން އުޅޭކަމަށް ތުހުމަތުކުރެވުނު މީހަކު ހައްޔަރުކުރަން ޕޮލިސް ކޮންސްޓަބަލް އަޙްމަދު ޝާކިރު ހަރަކާތްތެރިވި ވަގުތު، ނާޒިމް އެ ފުލުސް މީހާގެ ފަހަތުން ގޮސް އޭނާގެ ބުރަކަށީގައި ޖަހައި މާރާމާރީ ހިންގާފައިވާކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާއަށް ނާޒިމް އިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުކުރެވުނު ހެކީންގެ ހެކިބަހުން އެ ފުލުސް މީހާގެ ގައިގައި ނާޒިމް އަތްލާފައިވާކަން ޝަރީއަތަށް ސާބިތުވާތުވާ ކަމަށް އެ ހުކުމްގައިވެއެވެ.