30 May 2011, 10:21
މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު މި އަހަރުގެ އެޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 31.61 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ މަހު ރާއްޖެ އައި 79947 ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ޓޫރިސްޓުންނަށް ވުރެ، 19205 ޓޫރިސްޓުން އިތުރު އަދަދެކެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތަށް ބަލާ އިރު، ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 34.4 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އޭގެ ތެރޭގައި ޒަމާނުއްސުރެ ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީ އަދި ފަރާންސުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ބޮޑު ތަނުން މައްޗަށް ގޮސްފަ އެވެ.
ޖަރުމަނު ވިލާތުން އައި މީހުންގެ އަދަދު މިދިޔަ މަހު 76 ޕަސެންޓް މައްޗަށް ދިޔަ އިރު، ފްރާންސުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 20 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި އިޓަލީ ވިލާތުން އައި މީހުންގެ އަދަދު 10 ޕަސެންޓް މައްޗަށް ދިޔަ އިރު އިނގިރޭސި ވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 17 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.