އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި 100 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ބިޑަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން އީސީސީގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެބީލަމަށް ކުރިމަތި ލުމަށް ޝައުގުވެރިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

އެ ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އަންނަ މަހު ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވުމަށް ނިންމާފައިވާއިރު ބިޑް ސެކިޔުރިޓީގެ ގޮތުގައި 90,000.00 ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު އަދަދެއް، ދިވެހިރުފިޔާއިން ހުށަހަޅަންޖެހެއެވެ.

ބީލަން ހުޅުވަން ނިންމާފައިވަނީ އޮކްޓޫބަރު މަހު 13 ވަނަ ދުވަހުއެވެ.

އީސީސީ އަކީ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި، ސާކްސަމިޓް ބޭއްވުމަށް އިމާރާތްކުރިތަނެކެވެ. އެތަނަށް އަޅާނުލެވިހުރުމުގެ ސަބަބުން މިހާރު ވަނީ އެތައް ގެއްލުމެއްވެފައެވެ.