ހ. ނޫފަރުގެއިން މީހަކަށް ލިބިފައިވާ 40 އަކަފޫޓުގެ ބިމެއް 100،000 ރުފިޔާ އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްލަވައިގެންފިއެވެ.

ހ. ނޫފަރުގެ އަކީ މިހާރު ރައީސް ޔާމީންގެ ގެކޮޅެކެވެ. އެ ގެކޮޅު އެމަނިކުފާނު ހޯއްދެވީ ސިވިލް ކޯޓު މެދުވެރިކޮށް ގ. ދޫވެހި ނޫފަރުގެ ވެރި ފަރާތަށް ދިނުމަށްފަހުއެވެ. އަދި މިހާރު ދޫވެހީގެ ނަން ގ. ނޫފަރަށް ވަނީ ބަދަލުކޮށްފައެވެ.

ސިވިލް ކޯޓުން މިމަހުގެ 14 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ އެގެއިން މއ. ކަނަކުރިގޭ ޖާމީލާ އަބްދުއްރަހުމާނަށް ލިބިފައިވާ 40 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ 100،000 ރުފިޔާގެ އަކަށް ރައީސް ޔާމީނަށް ވިއްކުމުން އެފައިސާ ދައްކައި އެމަނިކުފާނު ޚަލާސްކުރައްވާފައިވާ ކަމަށެވެ.

"މި ވިޔަފާރީގެ އަގު ޚަލާސްކޮށްފައިވާތީ، މި ވިޔަފާރި އަޤުދުކޮށް، މި ވިޔަފާރި ސައްޙަ ކަމަށާއި، މި ވިޔަފާރީގެ ސަބަބުން ހ. ނޫފަރުއެވެ، ކިޔާ ގޯއްޗާ އިންވެގެން ޖަމީލާ އަބްދުއްރަހުމާން އަށް ލިބިފައިވާ 40 އަކަފޫޓޫގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރި ފަރާތަކީ މއ. ކާމިނީހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.