ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބާޒާރު ބްރާންޗް، ބީއެމްއެލް ލައިޓް ހިންގާ އިމާރާތަށް އަންނަ ހަފްތާއިން ފެށިގެން ބަދަލުވި ނަމަވެސް ބީއެމްއެލް ބާޒާރު ބްރާންޗުން ދަތުރުވެރިންނަށް ޑޮލަރު ވިއްކުމަށް ނިންމައިފިއެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ އެ ބެންކުން ކުރިން ނިންމާފައިވަނީ ބާޒާރު ބްރާންޗުގެ ހުރިހާ ހިދުމަތެއް ލައިޓަށް ބަދަލު ކުރަން ކަމަށާއި ނަމަވެސް ދަތުރުވެރިންނަށް ފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމަށްޓަކައި ކުރިއަށްއޮތް ދެ ހަފްތާގައި ބީއެމްއެލް ބާޒާރު ބުރާންޗުން ޑޮލަރު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ދަނީ ރާއްޖެއިން ބޭރަށް ދިއުމަށް ނަގާ ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކަމުންނެވެ.

ބީއެމްއެލްއިން މިއަދު ބުނީ ޑޮލަރު ގަންނަން ބޭނުންވާ ދަތުރުވެރިންނަށް ލުއިގޮތެއް ހޯދައިދިނުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ބީއެމްއެލް އިން ވަނީ، ދުވާލަކަށް ގާތްގަޑަކަށް 350 ދަތުރުވެރިންނަށް ދަތުރުކުރާ ޓިކެޓް ހުށަހެޅުމުން ދަތުރުވެރިއަކަށް 500 ޑޮލަރު ދޫކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް އެކަނިވެސް 39 މިލިޔަން ޔޫއެސް ޑޮލަރު ވަނީ އެ ބެންކުން ވިއްކާފައެވެ. މިއީ އެމްއެމްއޭއިން ބޭންކަށް ދޫކުރާ ޑޮލަރުގެ އިތުރުން، ބޭންކުންވެސް މިކަމަށް ބޮޑުއަދަދެއް ކަނޑައަޅައިގެން ވިއްކާ ޑޮލަރެވެ.

ބީއެމްއެލް އިން ބުނީ، އެ ސްކީމްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް ޓިކެޓް ހިފައިގެން ޑޮލަރު ގަންނަން އަންނަ ފަރާތަކީ ދަތުރު ކުރާ ފަރާތްކަމުގައި ވާން ޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އާއިލާއާއެކު ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޑޮލަރު ގަންނަ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ހުށަހެޅުމުން ގިނަވެގެން ފަސް ޓިކެޓަށްވާ ޑޮލަރު ވިއްކާގޮތަށް ނިންމާފައިވާ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.