މަގުތައް ބަންދުކޮށް ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް އެއްވެސް ހަރަކާތެއް ދެން މާލޭގައި ނުހިންގޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަގުތަކުގައި ދުއްވާ އެއްޗިއްސާ ހިނގާ މީހުންނަށް ދަތިވާގޮތަށް އެއްވެ އުޅޭތީ އެފަދަ ހަރަކާތްތައް މަގުމަތީގައި ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފައެވެ.

އޮގަސްޓް 5، 2016: އިދިކޮޅު އިއްތިހާދުގެ ފަރާތުން މާލޭގައި ކުރިއަށް ގެންދަންއުޅުނު ހިންގާލުމުގެ ތެރެއިން: ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ހަރަކާތްތަކުގެ އިތުރުން މަގުތައް ބަންދުކޮށްގެން ހިންގާ އެހެނިހެން ހަރަކާތްތައްވެސް ދެން މާލޭގައި ނުހިންގޭނެ ކަމަށް ފުލުހުންބުނެއެވެ.

"ހަފްތާގެ ބަންދު ދުވަސްތަކަކީ ގިނަ ބަޔަކު ރަހްމަތްތެރިންނާއި ގާތްތިމާގެ މީހުންގާތަށް ޒިޔާރަތްކޮށް ހިތްހަމަޖައްސާލުމަށް މަގުތަކަށް ނުކުންނަ ދުވަސްތަކެއްކަމަށްވުމުން މަގުތައް ބަންދުކޮށް މަގުތަކުގެ ތަރުތީބު ގެއްލުމަކީ އެތައް ބަޔަކަށް އެކަމުގެ ދަތިކަން ފޯރާނެ ކަމެއްކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެކެން." ފުލުހުން ބުންޏެވެ.

އެ އުސޫލާ ހިލާފަށް މަގުތަކުގައި ހަރަކާތެއް ހިންގާނަމަ އެކަން ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.