18 Aug 2016, 18:32
ޑިފެންޑަރު އަހްމަދު ނޫމާނަށް އަނިޔާވުމުން ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ކްލަބު އީގަލްސް އިން ޓީސީ ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު އީގަލްސް އާއި ޓީސީ ކުޅުނު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ އާއީ އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ނަތީޖާއާ އެކު ކުޅުނު 13 މެޗުން ލިބުނު 27 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި އަދިވެސް އީގަލްސް އޮތް އިރު، ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޓީސީ އޮތީ ލީގުގެ ތިން ވަނައިގައެވެ. ލީގުގެ ކުރީގައި އީގަލްސް އޮތް ނަމަވެސް، މިރޭ 9:00ގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން 25 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ ލިބޭނެ އެވެ.
އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ އާއީ އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ފަސް ވަނަ މިނެޓުގައި އީގަލްސް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ބިދޭސީ ފޯވަޑް ރިސްޓޭ ނައުމޯވް އަށް ލިބުނު ބޯޅަ ހިފައިގެން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާ، ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އީގަލްސް އަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އަހްމަދު ޒާދު ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު ސެޑިކް އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު މުހައްމަދު އިމްރާންއާ ދިމާލަށެވެ.
އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ އާއީ އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 16 ވަނަ މިނެޓުގައި ޓީސީ އަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ރީތި ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނާއިޒް ހަސަން (ދާދު) އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަތިމަތީ ދަނޑިއަށެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ޓީސީގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އަލީ ނާފިއު ދިން ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ދާދު އުފެއްދި ބާރު ހަމަލާ، ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ވެސް ޓީސީ އަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އަހްމަދު ރިޒްވާން އުފެއްދި ހަމަލާ ކީޕަރު ސުޖަން ވަނީ މަތަކޮށްފައެވެ. އޭގެ ފަސް މިނެޓް ފަހުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ ދާދު އުފެއްދި ހަމަލާ ވެސް ކީޕަރު ސުޖަން ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ޓީސީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭ އަށް ލިބުނު ބޯޅައެއް ހިފައިގެން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޮގަސްޓް 18، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ އާއީ އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 71 ވަނަ މިނެޓުގައި ޑިފެންޑަރު އަހްމަދު ނޫމާނަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް އިތުރަށް ކުޅުމުގައި ބައިވެރިވެވިފައެއް ނުވެއެވެ. ނޫމާނަށް އަނިޔާވި އިރު، އީގަލްސްގެ ތިން ބަދަލު ހަމަވެފައި ވުމުން އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އީގަލްސްގެ ސްރިލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. އޭނާ ވަނީ މެޗުގައި ޓީސީން އުފެއްދި ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.