ޑިއުޓީއެއް ނުނަގާ ބަނގުލަދޭޝްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބަންގްލަދޭޝުގެ ނޫހެއްކަމަށްވާ ދަ ޑެއިލީ ސްޓާއިން ބުނެފި އެވެ.

ޑެއިލީ ސްޓާ ބުނާ ގޮތުގައި ބަނގުލަދޭޝްއިން ގިނަ އަދަދެއްގެ މަސައްކަތު މީހުން ރާއްޖެ ގެނައުމަށާއި މިއަހަރު ނިމޭ ހިސާބުން ފެށިގެން ޑިއުޓީއަކާ ނުލައި އެގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުމަށް މިހާރު ބަންގުލަދޭޝްއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ޑެއިލީ ސްޓާގައި ވެއެވެ: "ދިވެހި ރާއްޖެއަށް އެތެރެކުރާ ބަންގުލަދޭޝްގެ އުފެއްދުންތަކުން ހުރިހާ އިމްޕޯޓް ޑިއުޓީއެއް ކަނޑާލުމަށް ) ދިވެހިސަރުކާރުން( ނިންމާފައިވާކަން އިއުލާން ކުރެއްވީ މިހާރު ބަނގުލަދޭޝްއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ،" އެ ނޫހުގައި ގޮތުގައި މިނިސްޓަރު އެކަން އިއުލާން ކުރެއްވީ ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ދީޕޫ މޯނީއާ އެކު ބަންގުލަދޭޝްގެ ފޮރިން މިނިސްޓްރީގައި ބޭއްވި ވާހަކަތަކަކަށް ފަހުގަ އެވެ.

ޑެއިލީ ސްޓާ ބުނާ ގޮތުގައި ދިވެހި ސަރުކާރާއި ބަނގުލަދޭޝް ސަރުކާރާ ދެމެދު އެކުލަވާލި މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ދެގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ސޮއިކުރައްވާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ މަސައްކަތްތެރީންގެ މުސާރަ އެމީހުންގެ ގައުމަށް ފޮނުވައި ދިނުމަށް ދިވެހި ސަރުކާރުން އެހީވާނެ އެވެ.

އިއްޔެ ސޮއިކުރި އެމްއޯޔޫގެ ސަބަބުން ބަންގުލަދޭޝްގެ ހުނަރުވެރި މަސައްކަތްތެރިންނާއި ކޮންމެވެސް ވަރަކަށް ހުނަރު ހުރި މަސައްކަތްތެރީންނާއި އެއްވެސް ހުނަރެއް ނެތް މަސައްކަތްތެރީން އިތުރަށް ރާއްޖެ އައުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ޑެއިލީ ސްޓާރ ބުނެ އެވެ.

މިއަދު ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ވާހަކަ ތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވި ކަމަށް ޑެއިލީ ސްޓާ ބުނަނީ "ޑޮކްޓަރުންނާއި ނަރުހުން ފަދަ ހުނަރުވެރި )ތަމްރީން ލިބިފައިވާ( މީހުން ބަންގުލަދޭޝްއިން ގިނަ އަދަދަކަށް ރާއްޖެ ގެންނާނެކަމަށް ވިދާޅުވި" ކަމަށެވެ.

ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބަންގުލަދޭޝްއަށް ވަޑައިގަތީ އިއްޔެ ކަމަށް ވެސް ޑެއިލީ ސްޓާ ބުނެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ނަސީމް މިވަގުތު ހުންނެވީ ބަންގުލަދޭޝްގައި ކަމަށާއި ރާއްޖެ ވަޑައިގަންނަވާނީ މިރޭ ކަމަށެވެ.