18 Aug 2016, 16:54
ލ. އަތޮޅުގެ ތިން ރަށަކަށް އަމާޒުކޮށްގެން ހުއިފިލަނޑާ ބޮޑު ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީން ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމްކޮށް ތަރައްގީ ކުރުމަށް މަގުފަހިކުރުމުގެ ގޮތުން އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ހިންގާ މެރިކަލްޗާ އެންޓަޕްރައިޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދޭނީ ހުއިފިލަނޑާ ބޮޑުކުރުމަށް މޫދުގައި ކޮށި ހެދުމާއި، އެ ކޮށިތަކުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ ހުނަރުތައް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ލ އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
މިނިސްޓްރީން ބުނީ ލ. އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މަޝްރޫއުގެ ދަށުން ލުއިލޯނުގެ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑާ ދީގެން އެ މަސައްކަތުގެ ތަމްރީން ދީގެން ކަމަށެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ކުދި ހުއިފިލަނޑާ އަދި މަސައްކަތުގެ އަމަލީ ތަމްރީނު ފޯރުކޮށްދެއްވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށްވާ ބަރަކާތުލް ބަޚުރު ޕްރައިވެޓް ލިމިޓެޑުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ލ އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތުގެ ޕައިލެޓް ފިޔަވަހީގައި ލ. އަތޮޅުގެ އިސްދޫ، ކަލައިދޫ އަދި ދަނބިދޫން ޖުމްލަ 100 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިމަހު ފެށި ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ދަނބިދޫ އާއި ކަލައިދޫން ލޯނު ލިބިފައިވާ 30 ފަރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ލ. ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ލޯނަށް އެދުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެެ އެވެ.