އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހައްޖުވެރިންނަށް ޚާއްސަކޮށްގެން ދޫކުރާ އަޔާދީ ހައްޖު ތަކާފުލްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެލައިޑް އިންޝަރެންސުން ބުނެފި އެވެ.

އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލްއިން ދޭ ހައްޖު ތަކާފުލްގެ ޚިދުމަތް ހޯދުމަށް ޕްރީމިއަމްގެ ގޮތުގައި ދައްކަން ޖެހޭނީ 1،000 ރުފިޔާ އެވެ. އެއާ އެކު، އެއް ލައްކަ ރުފިޔާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބޭނެ އެވެ.

އެލައިޑް އިންޝުއަރެންސްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، އަޔާދީ ހައްޖު ތަކާފުލްގެ ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

"މިއަދު ވެސް އަޔާދީ އޮފީސް އޭރިއާ އޮތީ ފުރިފައި. ހައްޖު ތަކާފުލްގެ ޚިދުމަތް ނަގަން ގިނަ ބޭފުޅުން ވަޑައިގަންނަވަނީ ވެސް،" މިދިޔަ އާދީއްތަ ދުވަހު އޮތް އޮތް ޕްރެސް ކޮންފެރެންސެއްގައި ނިއުޝާދު ވިދާޅުވި އެވެ.

އަޔާދީ ހައްޖު ތަކާފުލް ޚިދުމަތް ނެގުމުން ލިބޭ އެއްލައްކަ ރުފިޔާގެ ކަވަރޭޖުގެ ތެރޭގައި، ޕާސްޕޯޓާއި ފައިސާ އަދި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުމުގެ ބަދަލާއި، ޗެކިން ކޮށްފައި ހުންނަ ލަގެޖު ގެއްލިގެން، ނުވަތަ ޗެކިން ކުރުމަށްފަހު ލަގެޖު އަނބުރާ ލިބުމުގައި ލަސްވެގެން ލިބޭ ގެއްލުމަށް ދޭ ބަދަލު ހިމެނެ އެވެ.

އަޔާދީ ހައްޖު ތަކާފުލްގެ ދަށުން ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޮށް ދެނީ ހިލޭ އެވެ.

އެ ޚިދުމަތް ހޯއްދަވަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ފޯމާއި، ޕާސްޕޯޓު ކޮޕީ އަދި ހައްޖު ކާޑުގެ ކޮޕީ އަޔާދީ ތަކާފުލްގެ އޮފީހަށް ނުވަތަ ހައްޖު ކޯޕަރޭޝަނަށް ހުށަހެޅުމުން އެ ޚިދުމަތް ލިބޭނެ އެވެ.

އަހަރު ރާއްޖެއިން 2،000 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދާނެ އެވެ. ހައްޖަށް ދިއުމަށް ރާއްޖެއިން މީހުން ފުރަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.