18 Aug 2016, 15:25
ޕަބްލިކް ސާވިސް މީޑިއާގެ އޮންލައިން ނޫހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވޭތޯ ދެންނެވުމުން އިސްމާއީލް ވިދާޅުވީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އެފަރާތުން ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 20:38ގައި ޕީއެސްއެމް އޮންލައިންގައި ޝާއިއުކުރި ޚަބަރެއްގައި ރައީސް ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށެވެ. ރައީސް ނަޝީދު ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ވާކަތަކުގެ މާނައޮޅޭ ގޮތަށް އެ ޚަބަރުގައި ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ. އެރޭގެ ވަގުތެއްގައި އެ ޚަބަރު އެ ވެބްސައިޓުން ނަގާފައިވާ ކަމަށް ވެސް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ޕީއެސްއެމްގެ ސްޕޯކްސްޕާސަން އަބްދުﷲ ރަމީޒު ވިދާޅުވީ އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް ބޭނުންނުވާ ކަމަށެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާގެ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން ކުރާ އަމަލަކުން އެއްވެސް ފަރާތެއްގެ އަބުރާ ބެހިގެން ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަތުވެއްޖެކަމަށް އެފަރާތަށް ގަބޫލުކުރެވިއްޖެ ނަމަ، އެފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.