18 Aug 2016, 15:22
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ އުސޫލެއްގެ ދަށުން، އެ މަގާމަށް ހޮވޭ ފަރާތް މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބޭ ކަމަށެވެ.
ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
މި މަގާމަށް މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ޕީއެސްގެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ސެޕްޓެމްބަރު އަށް ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅަން އެދޭ ކަމަށެވެ.
ޝަރުތު ހަމަވާ ފަރާތްތައް އިމްތިހާނު ކުރުމާއި، އިންޓަވިއު ކުރުމާއި އެފަރާތްތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުން، ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 27 އަށް މާލޭގައި ިއޮންނާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ގާނޫނަށް މިދިޔަ މަހުގެ ތެރޭގައި ވަނީ، ޕާމަނަންޓް ސެކްރެޓެރީން އައްޔަނު ކުރާ އިރު އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާ ހޯދަންޖެހޭނެ ކަމަށް ބުނާ އިސްލާހެއް ގެނެސްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފަ އާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.