18 Aug 2016, 15:11
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު ބާތިލްކޮށް، ކުރިއަށްއޮތް 30 ދުވަސްތެރޭ އަލުން އިންތިހާބެއް ބޭއްވުމަށް ކްލަބް ޖަމިއްޔާ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ވެސް ވީއޭއެމް އަށް އަންގައިފި އެވެ.
ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ ޔޫސުފް އަބްދުލްޣަފޫރު ވިދާޅުވީ، ވީއޭއެމްގެ އިންތިހާބު ބާތިލްކޮށްފައި ވަނީ އެކަމާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން އެ މިނިސްޓްރީން އެ މައްސަލަ ދިރާސާކޮށް ބެލިބެލުމުން އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފުވެފައިވާކަން ފާހަގަވެފައިވާތީ ކަމަށެވެ.
ވީއޭއެމްގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންތިހާބުތަކުގައި ވޯޓުދެވޭނީ އެ އެސޯސިއޭޝަނުގެ ފުރިހަމަ މެންބަރުންނަށެވެ. އަދި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންނަން ވެވޭނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އެސޯސިއޭޝަންގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ކްލަބުތަކަށެވެ.
"ވީއޭއެމް އިން 2013 ވަނަ އަހަރު ބޭއްވުނު ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 15 ޑިސެމްބަރު 2013. އެ މުބާރާތް ބާއްވާފައި ވަނީ 26 ޑިސެމްބަރު 2013 އިން 29 ޑިސެމްބަރު 2013 އަށް. އެ މުބާރާތުގައި ބައިވެރިވެފައިވާ ކްލަބުތަކުގެ ގުރުއަތުލުން ބާއްވާފައި ވަނީ 23 ޑިސެމްބަރު 2013 ގައި. ވަށަފަރު ސްޕޯޓްސް އެންޑް އެވެއާނަސް އާއި ޔުނައިޓެޑް ޑިވެލޮޕްމަންޓް ސްޕޯޓްސް އާއި މޯލްޑިވްސް ސްޕޯޓްސް ޖޫނިއާ އާއި ކްލަބު ތުރީ ސްޓާ އަދި މުލަކު ރެކްރިއޭޝަން ކްލަބުން އެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، އެ ކްލަބުތައް މި މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވަނީ 24 ޑިސެމްބަރު 2013 ވަނަ ދުވަހު،" ޖަމިއްޔާތަކުގެ ރަޖިސްޓްރާ ވިދާޅުވި އެވެ.
ޔޫސުފް އަބްދުލްޣަފޫރު ވިދާޅުވީ، ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް 2013 ގެ ގަވާއިދުގެ ތިން ވަނަ މާއްދާގައި އެ މުބާރާތުގެ ކްލަބު އިވެންޓުގައި ބައިވެރިވެވޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ވީއޭއެމްގެ މެމްބާޝިޕް ލިބިފައިވާ ފަރާތެއް ކަމުގައި ވާން ޖެހޭ ކަމަށާއި ރަޖިސްޓަރީވުމުގެ ކުރިން މުބާރާތުގައި ބައިވެރިވެފައިވާ ފަސް ކްލަބު މި އަހަރުގެ މާޗް މަހު ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ވޯޓުދީފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވަނީ ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކުގެ ގާނޫނާ އެއްގޮތަށް އެ މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ކްލަބެއްތޯ ބެލުމަކީ ވީއޭއެމްގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ.
ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އެއްވެސް ޖަމިއްޔާއެއް ހަދައި ހިންގަން ވާނީ އެ ގާނޫނުގެ ދަށުން އެ ޖަމިއްޔާއެއް ރަޖިސްޓަރީކޮށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ނުކޮށް ނުވަތަ އެ ގާނޫނުގައި ބުނެފައިވާ ގޮތުން މެނުވީ ދިވެހިރާއްޖޭގައި ކްލަބު ޖަމިއްޔާ ޖަމާއަތް ހެދުމަކީ މަނާކަމެކެވެ.
ވީއޭއެމްގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށް، ސްޕޯޓްސް ކޮމިޝަނުން ވެސް ވަނީ އިންތިހާބު ބާތިލްކޮށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށް މިދިޔަ ހަފްތާގެ ކުރީކޮޅު ވީއޭއެމް އަށް އަންގައިފަ އެވެ.
ނަމަވެސް އޭރު ސްޕޯޓްސް ކޮމިޝަނުން އެންގި އެންގުމަށް އަމަލުކުރެވެން ނެތް ކަމަށާއި ގާނޫނީ ގޮތުން އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީ ކަމަށް އެ އިންތިހާބު ކާމިޔާބުކުރެއްވި ވީއޭއެމްގެ ރައީސް މުހައްމަދު ރިޔާޒް ވިދާޅުވެފައިވެ އެވެ.
ސްޕޯޓްސް ކޮމިޝަނުން މައްސަލަ ބަލައި ނިންމުން ނިންމި އިރު، ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެ މައްސަލަ ބަލައި ވީއޭއެމްއާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.