18 Aug 2016, 15:12
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދިރާސާ ކުރުމަށް އެންޗެލޯޓީއާ އެކު އިޓަލީގެ ޔުވެންޓަސްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ތަޖުރިބާކާރު ޕްރޮފެސަރު ޖެންސް ބެންގްސްބޯ ރާއްޖެ ގެނައުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް(ޓޮމް) ވިދާޅުވީ، ބެންގްސްބޯ ރާއްޖެ ގެނައުމަށް ނިންމީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވަނީ ކޮންކޮން މައްސަލަތަކެއްތޯ ބަލައި ދިރާސާ ކުރުމަށް ކަމަށެވެ.
"އެނާގެ މަސައްކަތަކަށް ވާނީ ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ހޯދުން. އެއަށް ފަހު އަޅުގަނޑުމެން ރަނގަޅު ބިންގަލެއްގެ މަތީގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކްތް ފަށްޓާނަން،" ޓޮމް ވިދާޅުވި އެވެ.
ކުޅިވަރާއި ސައިންސްގެ ދާއިރާއިން ޑެންމާކްގެ ޔުނިވަސިޓީ އޮފް ކޯޕަންހޭގަން އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޖެންސް ބެންގްސްބޯ ވަނީ ޔުވެންޓަސްގެ އިތުރުން އޭނާގެ އުފަން ގައުމު ޑެންމާކްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
އެފްއޭއެމުން ބުނީ، އަންނަ މަހުގެ އެއް ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލައި އޭނާ ދިރާސާކުރާނެ ކަމަށެވެ.