19:00


ގޮތް ނޭނގޭ ރަތް ކުލައިގެ ނަމްބަރަކުން ގުޅުމުން ޖަވާބު ނުދިނުމަށް އިންޒާރުދޭ މެސެޖެއް ފެތުރެމުންދިއުމާ ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅުކޮށް، ޝާކުވާ ކުރަމުން އެބަދެ އެވެ.


ގޮތް ނޭނގޭ ރަތް ކުލައިގެ ނަމްބަރަކުން ގުޅުމުން އެ ނަމްބަރުތަކުގެ ކޯލްތަކަށް ޖަވާބު ނުދިނުމަށް އިންޒާރުދީ އެކިއެކި މީސް މީހުންގެ ފޯނުތަކަށް އެސްއެމްއެސްތަކެއް ލިބެމުންދާ ކަމަށް ބުނެ މިއަދު ވަނީ އަޑުތައް ފެތުރިފަ އެވެ. އެހެންނަމަވެސް އެވާހަކަތަކީ ކިހާވަރެއްގެ ޙަޤީޤަތެއް ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. މިއަދު ހެނދުނުން ފެށިގެން ވަރަށް ގިނަ ބަޔަކަށް އެފަދަ ކޯލެއް އައިސްފިނަމަ ފޯނަށް ޖަވާބު ނުދިނުމަށް އިންޒާރުދޭ އެ މެސެޖެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އަދި ރަތް ކުލައިން ނަމްބަރު އަރާ އެކޯލްތަކަށް ޖަވާބު ދިނުމުން ބޮލަށް އެނބުރުން އަރާ ފާޑުފާޑުގެ ގޮތްގޮތްވާ ކަމަށް އެމެސެޖުގައި ބުނެފައިވެ އެވެ. އެގޮތުން ސަންއެފްއެމް އަށް ވެސް މިއަދު ބައެއް ފަރާތްތަކުން ގުޅާ އެ ކަމުގެ ޝަކުވާ ކޮށްފަ އެވެ.


މިކަމާއި ގުޅިގެން ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެފަދަ ވާހަކަތަކަށް މިހާރު މުޖްތަމައު ވަރަށްބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަމަށެވެ. އަދި މީހުން ދައްކާ އެފަދަ ވާހަކަތަކަކީ ކިހާ ހަގީގަތެއް ހުރި ވާހަކައެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ. އެގޮތަށް ނަމްބަރުގެ ކުލައަކަށް ބަދަލު ގެނުމަކީ އެ ފޯނެއްގައި ހުންނަ ފީޗާ އަކުން ބަދަލު ކުރެވިދާނެ އެއްޗެއް ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.