18 Aug 2016, 15:03
ގދ. މަޑަވެލީގެ ގޮނޑުދޮށް ހިމާތް ކުރުމުގެ މަސައްކަތް 13.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޑަވެލީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ.
މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދުގައި ބޮޑު ހިލަ ޖަހައިގެން 454.5 މީޓަރުގެ ތޮއްޓެއް ގާއިމްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ތޮއްޓަކީ މަޑަވެލީގެ ބަނދަރުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ދެކުނު ފަރާތުގައި ޖަހާ ބްރޭކްވޯޓާ އާ ހަމަ އަށް ޖަހަމުން ގެންދާ ބޮޑުހިލައިގެ ތޮއްޓާ ގުޅޭ ގޮތުން ހަދާ ތޮއްޓެކެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިއަދު ސޮއި ކުރި މަޝްރޫއު ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ރަށްތައް ރައްކާތެރިކޮށް ހިމާޔަތް ކުރެއްވުުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށާއި ރާއްޖޭގެ ރަށްތައް ހިމާޔަތްކޮށް ރައްޔިތުންނަށް ހިމާޔަތް ދިނުމަށް އެކި ގޮތްގޮތުން ރައީސް މަސައްކަތްފުޅު ކުރައްވާ ކަމަށެވެ.

ގދ. މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ވާހަކަފުޅު ދައްކަވަަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރުކާރުން ގާތްގަނޑަކަށް 17 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ކުރިއަށް ގެންގޮސްފައިވޭ. މީ ވޭތުވެ ދިޔަ އެއްވެސް ސަރުކާރެއްގަ މަސައްކަތްކޮށްފައި އޮތްވަރެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މަޑަވެލީގެ އިތުރުން ހަތަރު ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފަ އެވެ.