18 Aug 2016, 14:09
އޮލިމްޕިކްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިނގިރޭސި އަންހެން ޓީމެއް ހޮކީ އިވެންޓެއްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ ފައިނަލަށް އިނގިރޭސިން ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ނިއު ޒިލޭންޑް އަތުން 3-0 ލަނޑުން މޮޅުވެގެންނެވެ.
އިނގިރޭސިން ހޮކީގެ ފައިނަލުން ޖާގަ ހޯދުމާއެކު އެ ޓީމަށް ވަނީ މެޑެއްޔެއް ކަށަވަރުވެފަ އެވެ. މާދަމާ ކުޅޭ ފައިނަލް މެޗުގައި ނެދަލޭންޑްސް އަތުން އިނގިރޭސިން ބަލިވިޔަސް، އެ ޓީމަށް ރިހި މެޑެއްޔެއް ލިބޭނެ އެވެ. އިނގިރޭސިން ވަނީ މިހާތަނަށް މި ފަހަރުގެ ގޭމްސްގައި 50 މެޑެލް ހޯދައިފަ އެވެ.
"ކޮންމެ ދުވަހެއް ވެސް އަހަރެމެން ފަށަނީ އޮލިމްޕިކް މެޑެއްޔެއްގެ އުންމީދުގައި. ރަން މެޑެލްގެ މެޗަށް ނުކުތުމުގެ އުންމީދުގައި. އަހަރެމެން ދަތުރުކޮށްފައިވާ ހިސާބާ މެދު ފަހުރުވެރިވަން،" އިނގިރޭސި ޓީމުގެ ޑިފެންޑަރު ކްރިސްޓާ ކުލެން ބުންޏެވެ.
އިނގިރޭސި އަންހެން ހޮކީ ޓީމަށް އޮލިމްޕިކްސް ތާރީހުގައި ކުރިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1992 އަދި 2012ގައި ލޯ މެޑެއްޔެއް ލިބުމެވެ.