18 Aug 2016, 15:05
ހައްދުންމަތީގެ ހަތަރު ރަށެއް ގުޅޭ ގޮތަށް ހަދާފައިވާ ހައްދުންމަތީ ބޮޑުމަގު ނުވަތަ ލާމު ލިންކު ރޯޑުގައި މާ ގަސް އިންދައި، އެގަސްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ފެށި ލާމު ލިންކު ރޯޑު އަންނަ ސެޕްޓެމްބަރު މަހު ރަސްމީކޮށް ހުޅުވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ދިގު، އަދި އެންމެ ބޮޑު މަގު ކަމުގައިވާ ލާމު ލިންކު ރޯޑު ހަދާފައި ވަނީ، ދެ ފަރާތަށް ދުއްވާ އުޅަނދުތަކަށް ވަކީން ދަތުރުކުރެވޭ ގޮތަށް އަދި މެދުގައި ގަސް އިންދޭ ގޮތަށެވެ.
ޕަބްލިކް ވާކްސް ސާވިސެސް އިން މިދިޔަ އާދީއްތަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ މަގުގައި މާ ގަސް އިންދައި، ގަސްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޯގަސްޓް ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ ސާވިސްއަށް ވަޑައިގެން، މައުލޫމަތު ސާފު ކުރުމަށް ފަހު ސެޕްޓެމްބަރު އެއްވަނަ ދުވަހު ބިޑު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ލާމު ލިންކު ރޯޑު ފެށެނީ ލ. ފޮނަދޫއިންނެވެ. ފޮނަދޫއިން ކޯޒްވޭއެއްގެ ޒަރިއްޔާއިން އެ މަގު، ލ. ކައްދޫއާ ގުޅޭ އިރު، ކައްދޫ އާއި ލ. މާންދޫއާ ވެސް މަގު ގުޅެނީ ކޯޒްވޭއަކުންނެވެ. އެއަށް ފަހު، މާންދޫއާ ގުޅިފައިވާ ލ. ގަން ނިމެންދެން އެ މަގު އޮވެ އެވެ.
މި މަގުގެ ދިގުމިނުގައި 16 ކިލޯމީޓަރު ހުންނަ އިރު، މިއީ މިހާތަނަށް ރާއްޖޭގައި ހަދާފައިވާ އެންމެ ދިގު މަގެވެ.