އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ 200 މީޓަރުގެ ދުވުމުން ވެސް ޖެމެއިކާގެ އެލެއިން ތޮމްސަން ރަން މެޑެއްޔެއް ހޯދައިފި އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ވެސް ރަން މެޑެއްޔެއް ހޯދި އުމުރުން 24 އަހަރުގެ ތޮމްސަން 200 މީޓަރު ދުވުމުގެ ފައިނަލް ކާމިޔާބުކުރީ 21.78 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެ އިވެންޓުގެ ލޯ މެޑެއްޔެއް ހޯދާފައިވަނީ ދުނިޔޭގެ ޗެމްޕިއަން ޑަފްނޭ ޝިޕާސް އެވެ. ނެދަލޭންޑްސްގެ ދުވުންތެރިޔާ ޝިޕާސް 21.88 އިން ރޭސް ނިންމި އިރު، ލޯ މެޑެއްޔެއް ހޯދި އެމެރިކާގެ ޓޯރީ ބޮވީ ރޭސް ނިންމާފައިވަނީ 22.15 ސިކުންތުންނެވެ.

"މިއީ އަހަރެންނަށް ވަރަށް ހާއްސަ ކާމިޔާބެއް. އަހަރެންގެ ކުރިމަގު އުޖާލާވެއްޖެ ކަމަށް އަހަރެން ދެކެނީ. ވެރޯނިކާ ކޭމްޕްބެލް ބްރައުން އާއި ޝެލީ އޭން ފްރޭސާ ޕްރީސްއާ އެކު އަހަރެންގެ ނަން ހިމެނޭތީ އަހަރެންނަށް ވަރަށް އުފާވެރި އިހިސާސްތަކެއް ކުރެވޭ،"ބީބީސީ ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި ތޮމްސަން ބުންޏެވެ.

ކޭމްޕްބަލް ބްރައުން އަކީ އޮލިމްޕިކް ގޭމްސް 2004ގެ 200 މީޓަރު ދުވުން ކާމިޔާބުކޮށް، 2008 ވަނަ އަހަރު މެޑެލް ދިފާއުކުރި ދުވުންތެރިއެކެވެ. ފްރޭސާ ޕްރީސް އަކީ އޮލިމްޕިކްސް 2008 އަދި 2012ގެ 100 މީޓަރު ދުވުމުގެ ރަން މެޑެލް ހޯދި ދުވުންތެރިޔާ އެވެ.