18 Aug 2016, 13:17
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ދ. އެނބޫދޫފުށި-އޮޅުވެލި ވިއްކާލަން އެމްޓީޑީސީން ނިންމާފައި ވާތީ، އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
ދ. އެނބޫދޫފުށި-އޮޅުވެލިއަކީ، ޕާ އަކުއަމް ނިޔާމަ ރިސޯޓު ހިންގަމުން އަންނަ ރަށެވެ. އެ ރަށް 23.3 މިލިޔަން ޑޮލަރަށް ވިއްކާލަން ނިންމާފައިވާކަން، އަންގާރަ ދުވަހު އެމްޓީޑީސީ އިން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
ޕާ އެކުއަމް ނިޔާމަ ރިސޯޓު އެނބޫދޫފުށި-އޮޅުވެލީގައި ހިންގަމުން އަންނަނީ އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެމްޓީޑީސީ އިން ބުނެފައިވާ ގޮތުން އެ، އެ ރަށް ވިއްކާލަން ނިންމާފައި ވަނީ އެ ކުންފުންޏަށެވެ.
އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދ. އެނބޫދޫފުށި-އޮޅުވެލި ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ހައްގުތައް ބަދަލުކުރުމުގެ ހުއްދައަށް އެދި އެ ދެފަރާތުން ހުށަހަޅާފައިވާ ކަމަށާއި، އެހެންކަމުން އެ ރަށާ ގުޅޭ ގޮތުން ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މައްސަލައެއް އޮތް ނަމަ، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކަމެއް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށެވެ. މައްސަލައެއް އޮތް ނަމަ އެކަމެއް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު ހަ ވަނަ ދުވަހެވެ.
އެމްޓީޑީސީ އިން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނީ ޕާ އެކުއަމް ނިޔާމަ ރިސޯޓު ތަރައްގީކޮށް ހިންގަމުން އަންނަ ކުންފުންޏަށް އެރަށް ވިއްކާލަން ނިންމީ، އެމްޓީޑީސީއަށް ރިސޯޓް ހަދަން ހަވާލުކޮށްފައިވާ ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހިފައި ހުރި ފައިސާތައް މި އަހަރު ތެރޭގައި ދެއްކުމަށް ސަރުކާރުން އަންގާފައި ވާތީ، އެ ފައިސާ ދައްކާ ހަލާސްކުރުމަށް ކަމަށެވެ.
އޭގެ އިތުރަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ އިތުރު ހަތަރު ރަށަކުން މިއަހަރު ސަރުކާރަށް ކުލި ދައްކަން ފަށަން ޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެން ފަރާތަކަށް ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާ އިން ކުންފުނި ހިންގުމަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ފައިދާ ވާނެ މޮޑެލްއެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއަހަރުގެ ތެރޭ އެމްޓީޑީސީގެ އިތުރު އެހެން ރަށެއް ވިއްކާލަން ވެސް ނިންމާފައިވާކަން އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފަ އެވެ.
"ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި އަދި ވިޔަފާރި މޮޑެލް ބަދަލު ކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް ފެނުނީ، މިހާރު ސަބްލީޒް ކުރެވިފައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ލީޒް ހޯލްޑް ރައިޓްސް ވިއްކާލުމަށެވެ. މިގޮތަށް ހެދުމުގެ ސަބަބުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދެއްކި އަދި އެމްޓީޑީސީ އިން މިއަހަރުގެ ތެރޭގައި އަމިއްލަ ރިސޯޓެއް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ އެވެ." އެމްޓީޑީސީގެ ބަޔާނުގައިވެ އެވެ.
އެ ރަށުގައި ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް ރަށް ވިއްކާލި އަގަކީ މާކެޓްގައި އެފަދަ ރަށެއް ވިއްކާލައިގެން ކުންފުންޏަށް އެންމެ ރަނގަޅަށް ފައިދާ ނެގޭނެ ގޮތަށް ނިންމި ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން އާންމުކުރި ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަދި ރަށަށް ބޮޑެތި އިންވެސްޓްކޮށް ރިސޯޓް ތަރައްގީކޮށް ހިންގަމުން އަންނާތީ ކުންފުންޏަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އެގޮތް ކަމަށް ބުންޏެވެ.