އެމެރިކާގެ ދެކުނުގައި އޮންނަ ލުއީޒިއޭނާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާއަށް އެހީވުމަށް މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އެއް މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފި އެވެ.

ލުއީޒިއޭނާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިހާތަނަށް 11 މީހަކު މަރުވެފައިވާއިރު، 40،000 ގެ އަކަށް ވަނީ އަސަރުކޮށްފަ އެވެ.

ސްވިފްޓް ބުނީ، މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށްދިޔަ "1989 ވޯލްޑް ޓުއާ" ފެށީ ލުއީޒިއޭނާ އިން ކަމަށާއި ޓުއާއަށް އެ ސްޓޭޓްގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މިއަދު ލުއީޒިއޭނާގެ ރައްޔިތުން ގެތަކުން ނުކުމެ ދަތިހާލުގައި އުޅުމަކީ ކެތް ނުކުރެވޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

"ލުއީޒިއޭނާއަށް ދިމާވެފައިވާ ހިތްދަތިކަމަށް އެހީތެރިވެވެން އޮތް މީހަކު އެހީވެދީ، ލޯތްބާއި ދުއާކޮށްދިނުމަށް ހިތްވަރުދެން،" 26 އަހަރުގެ ސްވިފްޓް ބުނެފައިވެ އެވެ.

ލުއީޒިއޭނާ އަށް ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާއަކީ އެ ސްޓޭޓްގެ ތާރީހުގައި އެންމެ ބޮޑު އަސަރެއް ކުރި ފަހަރެވެ. މިފަހަރުގެ ފެންބޮޑުވުމުގެ އަސަރު 60،000 މީހުންނަށް ކޮށްފައިވާ ކަމަށް ލުއީޒިއޭނާގެ ގަވަރުނަރުގެ އޮފީހުން ބުނެ އެވެ.