ލ. ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ފިޝަރީޒު މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ މެރިކަލްޗާ އެންޓަޕްރައިޒް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ އިރު، ލޯނަށް އެދުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަށް ދޫކުރާ ލޯނަށް އެދި ހުށަހެޅޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ލޯނަށް އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ. އަދި ލޯނަށް އެދޭ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނެއް އަދާކުރަމުންދާ ފަރާތެއް ނަމަ އެ ލޯނެއްގެ 50 ޕަސަންޓު އަދާކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ ލޯނަށް އެދޭ ފޯމާއި ލޯނާ ބެހޭ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓްwww.fishagri.gov.mvއަދި ކަލައިދޫ ކައުންސިލްގެ އިދާރާ އިން ލިބޭނެ ކަމަށެވެ. އަދި ލޯނަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ކަލައިދޫ ކައުންސިލްގެ އިދާރާއަށެވެ.

މެރިކަލްޗާ އެންޓާޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީ ކުރުމަށް ޓަކައި ފިޝަރީޒް މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުން އަންނަ ޕްރޮޖެކްޓެކެވެ.