18 Aug 2016, 11:48
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސޮނޭވާ ފުށި އަތުން މޮޅުވެ، ފޯ ސީޒަންސް ލަނޑާ ގިރާވަރުން ޒޯން ފަހެއްގެ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ސޮނޭވާގެ މައްޗަށް ލަނޑާ ގިރާވަރު ކުރި ހޯދާފައި ވަނީ ވާދަވެރި ކުޅުމަކަށް ފަހު، 3-2 ސެޓުންނެވެ.

ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީގައި ސޮނޭވާ އާއި ލަނޑާ ގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ލަނޑާ ގިރާވަރު މޮޅުވެފައިވަނީ 3-2 ސެޓުން --- ފޮޓޯ: ވީއޭއެމް
އިއްޔެ ހަވީރު ކުޅުނު މެޗުގެ ސެޓުތައް ލަނޑާ ގިރާވަރުން ގެންގޮސްފައި ވަނީ 18-25، 25-21، 25-18، 18-25 އަދި 12-15 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ލަނޑާ ގިރާވަރުގެ އަކްރަމް އަބްދުﷲ އެވެ.
ޒޯން ފަހެއްގެ ފައިނަލުގައި ލަނޑާ ގިރާވަރު ނުކުންނަން ޖެހޭނީ އަނަންތާރާ ކިހިވަށް ވިލާސްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ.
ޒޯން އެކެއްގައި އިއްޔެ ކުޅުނު މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބަނޑޮސް މޯލްޑިވްސް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ބަނޑޮހުން ގެންގޮސްފައިވަނީ 25-15، 25-22 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބޮނޑޮހުގެ އިޝާން މުހައްމަދެވެ.