18 Aug 2016, 11:29
ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ސްޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ބާސާއިން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު ބާސާއިން ޗެމްޕިއަންކަން ހޯދީ 5-0ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ގައި ކުޅުނު އެ މެޗު ފެށިގެން ދިހަ ވަނަ މިނެޓްގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. އެ ލަނޑު ބާސާއަށް ކުޅެމުންދާ ތުރުކީގެ ކެޕްޓަން އާޑާ ޓުރާންގެ ކާމިޔާބުކުރީ ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ސްޕެނިޝް ސްޕަ ކަޕް ކާމިޔާބު ކުރުމަށް ފަހު ބާސާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ސެވިއްޔާއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެމިއުލް އުމްޓްޓީ ބޯޅައިގައި އަތްލުމުން ލިބުނު އެ ޕެނަލްޓީ ސެވިއްޔާގެ ވިސެންޓް ފޮނުވާލި ނަމަވެސް ބާސާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފު ބާސާ އިން ލީޑުގައި އޮވެ، ނިންމާލިއިރު ދެވަނަ ހާފުގެ ދެވަނަ މިނެޓްގައި ޓުރާން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފަ އެވެ. އެ ގޯލު ޓުރާން ކާމިޔާބުކުރީ، ސެވިއްޔާގެ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ބާސާގެ ތިންވަނަ ގޯލް މެޗުގެ 56 ވަނަ މިނެޓްގައި ލޫކަސް ޑިގްނީ ތަނަވަސްކޮށް ދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ މެސީ އެވެ.
މިއީ 2013 ވަނަ އަހަރުގެ ފަހުން ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމު މީގެ ކުރިން ވަނީ 12 ފަހަރު ސްޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.