އުތުރު ކޮރެއާގެ ގައުމީ އެއާލައިން "އެއާ ކޮރްޔޯ"ގެ އެންމެ ގިނަ ދަތުރުތައް ބާއްވާ ޗައިނާގެ މަންޒިލުތަކަށް ދަތުރުކުރުން މަނާކުރަން ޗައިނާއިން ނިންމައިފި އެވެ.

މީޑިއާގައި ރިޕޯޓުތައް ބުނާ ގޮތުން، އެއާ ކޮރްޔޯ ޗައިނާއަށް ދަތުރުކުރުން މަނާކުރަން ޗައިނާއިން ނިންމީ، މިދިޔަ މަހުގެ ތެރޭގައި އެ އެއާލައިނުގެ ފްލައިޓެއް ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް ދަތުރުކުރަމުން ދަނިކޮށް، ފްލައިޓުގެ ކެބިން ތެރެއިން ދުން އެރުމުގެ ހާދިސާއެއް ހިނގައި، އެ ފްލައިޓު އެމަޖެންސީގައި އެހެން ސިޓީއެއްގައި ޖައްސަން ޖެހުމުންނެވެ.

އެއާ ކޮރްޔޯއިން މިހާރު ތާވަލު ދަތުރުތައް ކުރަމުން ދަނީ ޗައިނާގެ ބެއިޖިންގް، ޝަންގްހާއީ، ޝެންޔިންގް އަދި ރަޝިއާގެ ވްލާޑިވޮސްޓޮކްއަށް އެކަންޏެވެ. މީގެ ކުރިން ޔޫރަޕާއި އޭޝިއާގެ އެކި ސަރަހައްދުތަކަށް އެ އެއާލައިނުން ދަތުރު ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

އެއާ ކޮރްޔޯއިން ބޭނުން ކުރަމުން އަންނަނީ، ރަޝިއާއިން އުފައްދާފައިވާ ޓުޕެލޮވްގެ ޖެޓުތަކެކެވެ. އަދި ޑޮމެސްޓިކް ފްލައިޓުތަކަށް ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު އުފައްދާފައިވާ ބޯޓުތަކެއް ވެސް ބޭނުން ކުރަމުންދެ އެވެ.

އެ އެއާލައިނުގެ މެއިންޓެނަންސް އާއި ޓެކްނިކަލް މުވައްޒަފުންގެ ޓްރޭނިންގްފަދަ ކަންކަން ކުރިޔަށް ގެންދަނީ ވަރަށް ދޯހަޅި ގޮތަކަށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.