ކެޓްރީނާ ކައިފް އާއި ރަންބީރު ކަޕޫރުގެ ގުޅުން ނިންމާލުމަށް ފަހު ދެމީހުން ދެން ދުވަހަކު ވެސް އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ރިޕޯޓުތައް ބުނަން ފެށި އެވެ. ދެ މީހުން އެކަކު އަނެކަކާ ވާހަކަ ދައްކަން އިންކާރު ކުރި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން އަށް ވެސް އެކަމުގެ ސަބަބުން އަސަރު ކުރި އެވެ.

ދެ މީހުން ވަކިވުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ދެން ދެކެވެން ފެށީ ކެޓްރީނާ އާއެކު ފިލްމު "ފިތޫރު" ގައި މަސައްކަތް ކުރި އަދިތުޔަ ރޯއި ކަޕޫރުގެ ދެމެދުގައި ސިއްރު ގުޅުމެއް އޮތް ކަމަށް ބުނާ ވާހަކަތަކެވެ.

"ފިތޫރު" އަކީ ކެޓްރީނާ އާއި އަދިތުޔަ އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި ދެމީހުންގެ ފަރާތުން ވަރަށް ރަނގަޅު ކެމިސްޓްރީ އެއް ފެނިގެން ގޮސްފައި ވާއިރު، ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ކުރިފަޅަމުން އަންނަ ކަމަށް ވާހަކަ ދެކެވެން ފެށި މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ.

ކެޓްރީނާ އާއި އަދިތުޔަ: ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ ---

ނަމަވެސް އަނެއްކާ ވެސް މިވަނީ އެ ވާހަކަތަކުގެ އަޑު ގަދަވެފަ އެވެ. ކެޓްރީނާ އަދި އަދިތުޔަގެ ވާހަކަ އަނެއްކާ ދެކެވެން މި ފެށީ އިތުރު ބައެއް ތަރިންނާއެކު މިހާރު ކުރިއަށްދާ "ޑްރީމް ޓީމް" ޓުއާގައި ކެޓްރީނާ އާއި އަދިތުޔަގެ ފަރާތުން ފެނިގެން ދިޔަ ހުށަހެޅުންތަކަށް ފަހު އެވެ.

"ޑްރީމް ޓީމް"ގައި ހިމެނެނީ ކެޓްރީނާ، އަދިތުޔަ، ސިދާރްތު މަލޯތުރާ، އާލިއާ ބަޓް، ވަރުން ދަވާން، ޕަރިނީތީ ޗޯޕްރާ، ބާދްޝާހް އަދި ކަރަން ޖޯހަރް އެވެ.

ޓުއާ ގައި އަދިތުޔަ އަދި ކެޓްރީނާގެ ފަރާތުން ހުށަހަޅައިދިން ނެށުންތަކުގައި ދެމީހުންގެ ކެމިސްޓްރީ ވަރަށް ފުރިހަމަ އެވެ. އަދި ޕްރެކްޓިސް ގައި ވެސް ދެ މީހުން ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކެޓްރީނާ އާއި އަދިތުޔަ "ޑްރީމް ޓީމް" ޓުއާގެ ތެރެއިން ---

މީޑިއާ ރިޕޯޓުތަކަށް ދެ ތަރިން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ކެޓްރީނާއާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުމުން ގިނަ ބަޔަކު އަންނަނީ މިހާރު ދެކެވޭ ވާހަކަތަކުގައި ކޮންމެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމަށް ބުނަމުންނެވެ.