30 May 2011, 08:02
ލަންޑަން : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަވަހާރަ ކޮށްލުމަށްޓަކައި ނޭޓޯއިން އަޕާޗޭ ހެލިކޮޕްޓަރު ބޭނުންކޮށްފާނެ ކަމަށް ލަންޑަންގައި ނުކުންނަ ދި އޮބްޒާރވަރ ނޫހުން ބުނެފިއެވެ.
ލީބިޔާގެ އިދިކޮޅު ބައެއް ފަރާތްތަކާ ޙަވަލާދީ އެނޫސް ބުނިގޮތުގައި ވެރިކަން ދޫކުރެއްވުމަށްފަހު ލީބިޔާއިން ބޭރަށް ވަޑައިގަތުމުގެ މުހިއްމުކަން ގައްޒާފީއަށް ވިސްނައިދިނުމަށް ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ގައްޒާފީ ޤަބޫލު ނުކުރައްވައިފިނަމަ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ރާވާފައިވަނީ ލީބިޔާއަށް އަޕާޗޭ ހެލިކޮޕްޓަރު ފޮނުވައިގެން ގައްޒާފީ އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަނެއް ހިންގުމަށެވެ.
ފަރަންސޭިސިވިލާތުންވަނީ ގައްޒާފީގެ ބާރުތައް ބަލިކުރުމަށްޓަކައި އަޕާޗޭ ހެލިކޮޕްޓަރު ލީބިޔާއަށް ފޮނުވުމުގައި އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތަށް ގޮވާލާފައެވެ. އިނގިރޭސިވިލާތުންވަނީ މިކަމުގައި ފަރަންސޭސީންނާ ބައިވެރިވާނެ ކަމުގެ އިޝާރާތްތައް ދީފައެވެ.
ގައްޒާފީ އަވަހާރަކޮށްލުމަކީ ނޭޓޯއިން ލީބިޔާގައި ހިންގާ ޢަސްކަރީ އޮޕަރޭޝަންގައި ހިމެނޭ ކަމެއްނޫން ކަމަށް އެދެޤައުމުން ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް ގައްޒާފީ ދިރިއުޅުއްވާ ބާބުލްޢަޒީޒިއްޔާ ކޭންޕަށް ނޭޓޯގެ މަތިންދާބޯޓުތަކުން ތަކުރާރުކޮށް ހަމަލާތައް ދެމުން ގެންދިޔުމުގެ ބޭނުމަކީ ގައްޒާފީ އަވަހާރަ ކޮށްލުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ގައްޒާފީގެ ބާރުތައް ބަލިކުރުމަށްޓަކައި ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ނޭޓޯ ދިން ހަމަލާތަކުން އެބާރުތައް ބަލިވެފައެއް ނުވެއެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ގައްޒާފީގެ ބާރުތަކަށް ދިގުމުއްދަތަކަށް ކެތްކޮށް ނުލެވޭ މިންވަރަށް ވައިގެ ހަމަލާތައް ވަރުގަދަކުރުމަށް ނޭޓޯ މިހާރު ނިންމާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ