30 May 2011, 07:59
މިސޫރީ : އެމެރިކާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މިސޫރީއަށް މިދިޔަ ހަފްތާގައި އެރި ބާރުގަދަ ތޫފާންގައި މަރުވެ އަދި ގެއްލުނު މީހުންގެ ޢަދަދު 374 އަށް އަރައިފިކަން އެސްޓޭޓްގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިސޫރީގެ ރަސްމީ ފަރާތްކުން ބުނިގޮތުގައި މީގެ 6 ދުވަސްކުރިން އައި ބާރުގަދަ ތޫފާންގައި 142 މީހުން މަރުވިކަމަށާއި 232 މީހުންނަށް ވީނުވީގޮތް ނޭންގި ގެއްލިފައިވާ ކަމުގައެވެ. މަރުވި 142 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު ގެއްލުނު އެތަށް ބަޔަކަށް ވީނުވީގޮތް އެނގިފައެއްނުވެއެވެ. އެހެންކަމުން ގެއްލުނު މީހުންގެ ތެރެއިން ގިނަމީހުންނާމެދު ބެލެވިފައިވަނީ މަރުވެފައިވާ މީހުންގެ ގޮތުގައެވެ.
އެ ތޫފާންގައި މިސޫރީން 8 ހާސްގެ ހަލާކުވެ މާއްދީ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިގޮތުން އެސްޓޭޓަށް ލިބުނު ގެއްލުންތައް 3 ބިލިޔަން ޑޮަލަރަށް އަރާނެ ކަމަށް ތަޖްރިބާކާރުން އަންދާޒާކުރެއެވެ. އެ ތޫފާންގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ މިސޫރީގެ ޖުބިލިން ސިޓީއަށެވެ. އެސިޓީގެ ބޮޑުބައިވަނީ ހަލާކުވެ ވީރަނާ ވެފައެވެ.
މިސޫރީގެ ގަވަރނަރ ޖޭ ނިކްސަން ވިދާޅުވީ ވީރާނާވެފައިވާ ޖުބިލިން ސިޓީ ސާފުކުރުމަކީވެސް ބުރަ އަދި ޚަރަދުބޮޑު މަސައްކަތެއް ކަމުގައެވެ. މިދިޔަ އެޕްރީލް މަހުން ފެށިގެން މިހާތަނަށް އެމެރިކާގެ އިރުދެކުނުގެ ސްޓޭޓްތަކަށް އެރި ތޫފާންތަކާއި ނަގޫރޯޅި ތަކުގައި 435 މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އަދި އެތަށް ލައްކަ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. މި އެތޫފާންތަކުން ލިބުނު ގެއްލުންތަކާ ކުރިމަތިލުމުގައި އެމެރިކާވަނީ ނުކުޅެދިފައެވެ. -- ނޫސްއެޖެންސީތައް