އެއީ ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި ތަފާތު ވިޔަފާރި ކުރާ ތަނަވަސް ދިވެއްސެކެވެ. މުވައްޒަފުންނަށް ކުންފުނި ހިންގުން ހަވާލުކުރުމަށް ފަހު އޭނާގެ މައިގަނޑު މަސައްކަތަކީ ގައުމުތަކަށް ގޮސް އިންވެސްޓަރުން ހޯދުމެވެ. މީގެ ކުރިން އޭނާ އަށް ދިމާނުވާ ބިރުވެރި ކަމަކާއި މިފަހަކަށް އައިސް ވަނީ ކުރިމަތިލާންޖެހިފަ އެވެ. ބޭރުގެ ގިނަ އިންވެސްޓަރުން އޭނާ ކުރެން އަހާ ސުވާލަކީ "އިސްލާމިކް ސުޓޭޓް(އައިއެސް)"ގެ މީހުން ރާއްޖޭގައި އުޅޭތޯ އެވެ. އެއިންވެސްޓަރުންނަށް ރާއްޖެ ސިފަވެފައި ވަނީ އައިއެސްގެ ބާރު އޮޔް ބިރުވެރިތަނެއްގެ ގޮތުގަ އެވެ.

"މީގެ ކުރިން އަހާނީ މުޅިން ޑޮލަރުގެ ރޭޓްތަކާއި އިންވެސްޓްމަންޓް ރިކަވާ ކުރެވޭނެ ޕީރިއަޑެއް، ނޫނީ މަސައްކަތް ޕޮއިންޓާއި މާލޭގެ ދުރުމިން. އެކަމަކު މިހާރަކަށް އައިސް ގިނަ މީހުން އަހަނީ އޭ ތިތާ އައިއެސްއުޅޭތަ، އެމީހުން ވަރަށް ބާރުގަދަތަ، މިކަހަލަ ސުވާލު، އެމީހުން ވަރަށް ކަންބޮޑުވޭ،" އެވިޔަފާރިވެރިޔާ ބުންޏެވެ.

ކޮންމެ އަކަސް ޓެރަރިޒަމްގެ ބޮޑެތި ޖަރީމާތައް ނުހިންގާ މި އަމާން އޮމާން ރާއްޖެ މިގައުމަށް އިންވެސްޓްކުރަން ބޭނުންވާ އެތައް ބަޔަކަށް މިހާރު ސިފަވަނީ ވަރަށް ވެސް ބިރުވެރިކޮށެވެ. އެކަމުގެ ސަބަބުން ރާއްޖެ އާ ދިމާލަށް މިސްރާބް ޖަހާފައިވާ އެތައް ޑޮލަރަށް ނުލިބިއެދަނީ އެވެ. މިއީ ބަޔަކު ސިޔާސީ ބޭނުމަށް ދައްކާ ވާހަކައިގެ ނަތީޖާ އެވެ.

އިދިކޮޅު ފަރާތްތަކުގެ ތެރެއިން ނާތަހުޒީބީ ވިސްނުން ގެންގުޅޭ ބައެއް ފަރާތްތަކުން ކާމިޔާބު ނުލިބޭ ކޮންމެ ފަހަރަކު މީގެ ކުރިން ދިޔައީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށާއި ރާއްޖެ ނާނަން ގޮވާލަމުންނެވެ. އެކަމާ ދެކޮޅަށް ގާނޫނުތައް އައިސް ގިނަ ބަޔަކު އެކަން ބަލައިނުގަންނަ ކަން އެނގޭ ހިސާބުން މިހާރު ކުރާކަމަކީ ރާއްޖެއަކީ ބިރުވެރި މަންޒިލެއްގެ ގޮތުގައި ސިފަކުރުމެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އިންވެސްޓް ކުރަން އަންނަ ގިނަ ފަރާތްތަކުގެ ހިތްތަކުގައި މިއަދު އުފެދިފައިވާ ބިރުވެރިކަމަކީ ރާއްޖޭގައި އައިއެސް އުޅޭ ކަމަށް ރާއްޖެ އިން ބޭރުގައި ހަރަކާތްތެރިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ކަމަށެވެ.

"ސިޔާސީ ގޮތުން އިގްތިސާދަށް ގެއްލުންދޭކަށް ނުޖެހޭ، މުޅިން މިފެންނަނީ ޒާތީ ކަންކަން ނަގައިގެން މަސައްކަތް ކުރާތަން، މިއީ ހާއިނުން" އާސިފް ވިދާޅުވި އެވެ.

ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް: -- ސަން ފައިލް ފޮޓޯ

އޭނާ ވިދާޅުވީ މިގައުމުގައި ބަޣާވާތްކުރާ ފަދަ ވާހަކަ ދެއްކުމަކީ އިގްތިސާދީ ގޮތުން އޮތް ގޮންޖެހުމެއް ކަމަށާއި އިގްތިސާދަށް ގެއްލުން ނުދީ ސިޔާސީ ހަރަކާތްތައް ހިންގުމުމުގެ ގާބިލުކަން ހުންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި އައިސް ޖަމާއަތް ހަރަކާތްތެރިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ދަނީ ދުނިޔޭގެ ފާހަގަކޮށްލެވޭ ނޫސްތަކަށް އިންޓަވިއޫ ދެމުންނެވެ. ބޭރުގެ ގައުމުތަކުން ދިވެހި ރާއްޖޭގައި ޓެރަރިޒަމަށް މީހުން ތަމްރީނު ކުރާ ޖަމާއަތްތައް އުޅޭ ކަމަށް ތުހުމަތުކުރެ އެވެ. ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތައް ރާއްޖޭގައި އޮޕަރޭޓް ކުރާ ކަމަށް ވެސް ވާހަކަދެކެވެ އެވެ. މަޝްހޫރުކަން ހޯދަން ބައެއް ދިވެހިން ވެސް އެ ވާހަކަ ދައްކަ އެވެ. އެއީ ރާއްޖެ ޕުރޮމޯޓް ކުރުމަށް ކުރާ ހަރަދު ފެނަށް ދާފަދަ ކަންކަމެވެ.

އެ ތުހުމަތުތަކާގުޅޭ ގޮތުން އިދިކޮޅު ކޯލިޝަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮސެޝަން (އުމްޔޫއޯ) އަށް ނިސްބަތްވާ އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ އަގު ވެއްޓެމުންދަނީ ސަރުކާރުން ޑިމޮކުރަސީއާ ހިލާފަށް ކުރަމުންދާ ކަންކަމުގެ ސަބަބުން ކަމަށެވެ.

"އައިއެސްއާއި ރާއްޖެއާ އޮތް ގުޅުމުގެ ވާހަކައަކީ އަޅުގަނޑުމެން ދައްކާ ވާހަކައަށް ވުރެ ބޮޑަށް ފެންނަން ހުރިކަމެއް، ރާއްޖެ އިން އައިއެސްއާ ގުޅެން އެތައް ބަޔަކު ގޮސްފައިވާ ކަމަށް ސަރުކާރުން އެބަހާމަކުރޭ، އެހެންވީމަ އެއީ ރާއްޖޭގެ އިގްތިސާދު ހަލާކު ކުރަން އަޅުގަނޑުމެން ކުރާކަމެއް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގައި އައިއެސް އޮތްކަމަށް ދެކެވޭ ވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ނޫން ކަމަށާއި އެއީ ސަރުކާރުން ހާމަކުރާ ތަފާސް ހިސާބުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދަށް ގެއްލުންވޭތަ!

ރާއްޖޭގެ އިގްތިސާދު މުޅިންހެން ބިނާވެފައި މިވަނީ މިގައުމުގެ ރީތިކަމާއި މިނިވަންކަން ދެކިލުމަށް އަންނަ ޓޫރިސްޓުންގެ މައްޗަށެވެ. އިގްތިސާދީ މައި ތަނބަކީ އެއީއެވެ. އެދާއިރާއަށް ބަލާއިރު ޓޫރިސްޓުން އަންނަ މިންވަރު ކުރިއާ އަޅާބަލާ އިރު ދަށްކަން ފާހަގަކުރެވެ އެވެ. މިދިޔަ މަހުގެ ނިޔަލަށް ވެސް އެއަދަދު އިތުރުވީ އެންމެ ދެ ޕަސެންޓެވެ. ހާއްސަކޮށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޔޫރަޕް ސަރަހައްދުން އަންނަ ޓޫރިސްޓުން މަދުވެ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބޭރު ދުނިޔޭގައި "ބަޔަކު މީހުން" ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ހައިސީޒަންގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަރަށް ބޮޑަށް ބޮއިކަޓް ކުރުމުގެ ހަރަކާތްތަކެއް ހިންގާފައި އެބައޮތް ބަޔަކު. އޭގެ ސަބަބުން ވެސް އަޅުގަނޑުމެންނަށް ދަތިތަކެއް ކުރިމަތިވި [ޓޫރިސްޓުން ގެނައުމުގައި]،" މިނިސްޓަރު ވިދާޅުވި އެވެ.

އައިއެސްގެ ބިރު އެބައޮތްތަ؟

މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި ރާއްޖެއާ އައިއެސްއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ތެރެއިން ގިނަ ވާހަކައަކީ "ތޯތޯ" ވާހަކަތަކެކެވެ. ޖިހާދަށް ނަމުގައި ހަނގުރާމައަށް ދިއުމަށް ބޭނުންވާ ވަކިވަކި ދިވެހިން ރާއްޖޭގައި އުޅެ އެވެ. މިދިޔަ އަހަރު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ގާތްގަނޑަކަށް 100 ދިވެހީން ބައިވެރިވަމުންދެ އެވެ. ނަމަވެސް ރާއްޖޭގައި ޖަމާއަތް ހަދައިގެން ޓުރެއިނިންއެއް ނުހަދަ އެވެ.

"ޖަމާއަތްތަކެއް ނޫޅޭ އެކަމަކު ރާއްޖޭގައި ހަރުކަށި ވިސްނުމަށް ތާއީދު ކުރާ ވަކިވަކި ފަރާތްތައް އުޅޭ، އެއީ އެޖެންޓުންނެއް ނޫން، ގިނައީ ހަމަ ހަރުކަށި ފިކުރަށް ތާއީދުކޮށް ދީނީ ކަމެއްގެ ގޮތުގައި ފިކުރުތައް ފަތުރާ މީހުން. އައިއެސްގެ އެޖެންޓުންނެއް ރާއްޖެއަކު ނެތް، ބައެއް ކުށްވެރިން ފުރުވާލުމަށް ވެސް އެމަގު ބޭނުންކުރޭ." ކަމާބެހޭ މަސްދަރަކުން ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ސީރިޔާއަށް ގޮސްފައިވާ ގިނަ މީހުންނަށް ބަލާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ކުށްތަކަށް އަރައިގަންނަން އުޅުނު ފަރާތްތަކެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ ދީނަށް ލޯބިކޮށް އުޅުން އިސްލުވެފައިވާތާ ކުޑަދުވަސްކޮޅެއްވެފައިވާ މީހުންނެވެ.

ސިޔާސީ ފޯރީގައި ގައުމު ގުރުބާން ނުކުރޭ!

ހަގީގަތަކީ މިއީ އެވެ. އައިއެސްއަށް ތާއީދު ކުރާ ވަކިވަކި ފަރުދުން ނޫޅޭ ގައުމެއް މަދެވެ. އޭގެ މާނައަކީ މި ރާއްޖެއަކީ އެފަދަ ބޭސް އަކަށް ވުމެއްނޫނެވެ. ނަމަވެސް ސަރުކާރު ދެކެ އަންނަ ރުޅިން ސަރުކާރަށް ފިއްތުންތައް ފިއްތުން ކުރަން އެފަދަ ވާހަކަ ދައްކަނީ އެވެ. އަދި ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކުން އެކަމަށް ތާއީދު ވެސް ކުރަނީ އެވެ. ނަމަވެސް ނަތީޖާ ވަރަށް ހިތްޗެވެ. އެއީ ހަމައެކަނި ވެރިކަމުގައި ހުރި މީހާއަށްވާ ގެއްލުމެއް ނޫނެވެ. މުޅި ގައުމަށްވާ ގެއްލުމެކެވެ. ސިޔާސީ ފަރާތްތަކަށް ގައުމު ބަދުނާމްނުކޮށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލްކަން ހުންނަންޖެހެ އެވެ.