17 Aug 2016, 21:10
ސަރުކާރުގެ ދައުވަތަކަށް މިދިޔަ ޖުލައި މަހު ރާއްޖެ ވަޑައިގަތް، ކޮމަންވެލްތުގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ހާއްސަ މުޝީރު، ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ވިލީ މުޓުންގާ ރާއްޖޭގެ ރީތިކަމާއި ވެރިންގެ ހިތްތިރިކަމާ ގުޅޭ ގޮތުން ތައުރީފުކުރައްވައިފި އެވެ.
އޭނާ ރާއްޖެއާ ބެހޭ ގޮތުން ތައުރީފުކުރައްވާފައި ވަނީ އިއްޔެ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
Three observations on the Maldives : beautiful islands and clean waters around them; malaria free; a presidential motorcade of TWO vehicles
— Dr Willy M Mutunga (@WMutunga)August 16, 2016
އޭނާ ކުރައްވާފައިވާ ޓުވީޓުގައި ވަނީ އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ތިން ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކުރައްވާފައި ވަނީ ރާއްޖޭގެ ރީތިކަމާ ބެހޭ ގޮތުންނެވެ. އެގޮތުން ރާއްޖޭގައި ވަނީ ރީތި ރަށްތަކެއް ކަމަށާއި އެ ރަށްތައް ވަށައިގެން ވަނީ ސާފު މޫދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް ރާއްޖެއަކީ މެލޭރިއާ ނައްތާލެވިފައިވާ ގައުމެއް ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ.
ތިން ވަނަ ކަމަކަށް އޭނާ ފާހަގަ ކުރައްވާފައި ވަނީ ރާއްޖޭގެ ވެރިންގެ ހިތްތިރި ކަމެވެ. އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑްގައި ހިމެނެނީ އެންމެ ދެ ވެހިކަލް ކަމަށް އޭނާގެ ޓުވީޓުގައި ފާހަގަ ކުރައްވާފައިވެ އެވެ.
އަދި އޭނާ ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ރާއްޖޭގައި ހޭދަ ކުރެއްވީ އެންމެ ހަތަރު ދުވަސް ކަމަށާއި އޭނާ އަަށް ރައީސްގެ މޮޓޯކޭޑް ފެނިފައި ވަނީ އެންމެ ފަހަރަކު ކަމަށެވެ.
މުޓުންގާގެ ޓުވީޓަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.